މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޗެއާމަންގެ މަގާމަށާއި ސީއީއޯގެ މަގާމަށް ބިދޭސީ ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭން ރާއްޖޭގައި ފުރަތަމަ ހުޅުވި އެމްއައިބީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރީ ބަންގްލަދޭޝްގެ ކާޒީ އަބޫ މުހައްމަދު މާޖިދުއް ރަޙްމާން އެވެ. އޭނާ މި މަގާމަށް އައްޔަން ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ބޭންކުގައި 2012 ވަނަ އަހަރުން ފެށިގެން ޗެއާމަންގެ މަގާމުގައި ހުންނެވި ނަޖްމުލް ހަސަންގެ ބަދަލުގައި ޗެއާމަންކަމަށް އަލަށް އައްޔަން ކުރި މާޖިދުއް ރަޙްމާނަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ބޭންކުގެ ބޯޑު މެންބަރުކަން ވެސް ކުރައްވަމުން އަންނަ ބޭންކިން ދާއިރާގެ ތަޖުރިބާކާރެކެވެ.

އެމްއައިބީން ބުނީ މާޖިދުއް ރަޙްމާން ވަނީ މީގެ ކުރިން ބަންގްލަދޭޝްގެ އިތުރުން މެދުއިރުމަތި، އެފްރިކާ އަދި އޮސްޓްރޭލިއާގެ މާލީ އިދާރާތަކުގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.

އެމްއައިބީގެ އާ ޗެއާމަންގެ ކާޒީ އަބޫ މުޙައްމަދު މާޖިދުއް ރަޙްމާން.

ޗެއާމަން ކަމަށް މާޖިދުއް ރަހުމާން އައްޔަންކޮށްފައިވާއިރު އެ ބޭންކުގެ ސީއީއޯގެ މަގާމަށް އިންޑިއާގެ މުފައްދަލް އިދުރީސް ޚުމްރީ ވަނީ އައްޔަން ކޮށްފަ އެވެ.

ބޭންކިން ދާއިރާގެ 25 އަހަރުގެ ތަޖުރިބާ އާއެކު މުފައްދަލް އަކީ އިސްލާމިކް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށް އެމްއައިބީން ބުނެ އެވެ. އޭނާ ވަނީ އިސްލާމިކް ފައިނޭންސް ދާއިރާގައި 17 އަހަރު ޚިދުމަތްކޮށްފަ އެވެ.

މި މަގާމާ ހަވާލުވުމަށްފަހު މުފައްދަލް ވިދާޅުވި ގޮތުގައި، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށާއި ޑިޖިޓަލް ބޭންކިން ފުޅާކުރުމާއި ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ވިޔަފާރިތަކަށް ދެވޭ ޚިދުމަތް ފުޅާކޮށް އެމްއައިބީގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމިކް ބޭންކިން އިތުރަށް ފުރިހަމަކޮށް ފުޅާކުރުމަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިބީގެ ކުރީގެ ސީއީއޯ ބަންގްލަދޭޝްގެ އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު މަގާމުން ވަކިކުރީ އެތެރޭގެ ތަހުގީގަކަށް ސަސްޕެންޑްކުރުމަށްފަހު އެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް އެ ބޭންކުން ހާމައެއް ނުކުރެ އެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށްފަހު ސީއީއޯ މަގާމުން ވަކިކުރުމުން އޭނާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރީ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާއާ އެވެ.