މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.35 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 1,354,828 އަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1,022,481 ޓޫރިސްޓުންނެވެ. މިއީ 32.5 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 2019 ވަނަ އަހަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.

ރާއްޖެއިން މި އަހަރު އަމާޒު ހިފާފައި ވަނީ ޖުމްލަ 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

އެމްއެމްޕީއާރުސީން ބުނީ 1.6 މިލިއަން ޓޫރިސްޓުން އަންނަ މަހުގެ 15ގެ ކުރިން ހާސިލްވާނެ ކަމަށެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން އެކަނި 191,524 ޓޫރިސްޓުން އައިސްފައިވެ އެވެ.