އެމްޑަބްލިއުއެސްސީގެ ވޯޓަ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގައި ފެން ރައްކާ ކުރާ ދެ ޓޭންކް ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އަލަށް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ޓޭންކްތަކުގެ ތެރެއިން ކޮންމެ ޓޭންކެއްގައި 13,648 މީޓަރު ފެން ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ދެ ޓޭންކް އެކީގައި 27,296 ކިއުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މި މަޝްރޫއު ނިންމަން އެމްޑަބްލިއުއެސްސީން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.

މިމަޝްރޫއު އަމަލީ ގޮތުން ފައްޓަވައި ދެއްވާފައި ވަނީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އެގްޒެކެޓިވް ޓީމްގެ މެމްބަރުންނެވެ. މި ދެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި ސަރަހައްދުގަ އެވެ.

އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި، މިމަޝްރޫއުގެ ދަށުން، ދެ ތާނގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕް ރޫމްއެއް ވެސް ހުންނާނެ އެވެ.

މާލޭގައި ފެން ރައްކާކުރެވޭ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށެވެ.