އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު"ގެ ދަށުން މި އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެވެ.

އެ ބޭންކުން ހޮވި ދިހަ ޕްރޮޖެކްޓަކީ:

  1. ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން، އިބްރާހިމް ނިޝާމް އަހުމަދު
  2. ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން، ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް
  3. ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން، ވެސްޓް ވިންގްސް އޭދަފުށި
  4. ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން، ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯޓްސް އެސޯސިއޭޝަން (ކީސާ)
  5. ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން، ޗިލްޑްރަން އޮފް މޯލްޑިވްސް
  6. އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން، ރިވޮލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
  7. އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން، އާދަމް އަފްސަލް
  8. ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން، ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
  9. ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން، ސާސްޓްރާ ކޮމިއުނިޓީ
  10. ގދ. ހޯޑެއްދޫގައި ނޭޗާ ޕާކް ތަރައްގީ ކުރުން، ހޯޑެއްދޫ ސްޕޯޓްސް

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު، ގިނަ ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ.

"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ވެސްމެ،" ސައީދު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މިވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.