ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި އެއްވިސްނުމުގެ ގައުމުތަކުން "ބަހާއި އަމަލު އެއްގޮތް ކޮށް" ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަށް ޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މޯނިން ޓްރޭޑް ޔޫކޭއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ކުދި ޖަޒީރާ ގައުމަކަަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ކަނޑުމަސް ފޮނުވާފައިވާ ކަމަށާއި، މިފަދަ ޓެކްސްއެއް ނުނަގާ ނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ އެވެ.

ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ގައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މަޢާފުކޮށްފައިވާއިރު، ދިވެހިރާއްޖެއިން ނަގާ ޓެކްސްއަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެ އެވެ.

މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ ވަރަށް މަގުބޫލު ވެގެން ބުނާ ބަހެއް ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ގައުމު ކަމަށެވެ.

ރާއްޖެއިން ކޮންމެ މަހެއް ވެސް ބާނަނީ ފަހަރަކު މަހެއް ވަކިން ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ކަނޑުތަކަކީ ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތައް ދަމަހައްޓާ ދިރުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މަހުގެ ބާވަތްތައް ގަންނަ ގައުމުތަކަށް "ބަހާއި އަމަލު އެއްގޮތް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެއްކޮޅުން ތިމާވެއްޓާއި ކަނޑުތަކާއި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަމުން ގެންދާއިރު، އެންމެ ދެ ސިނާއަތަށް، ޓޫރިޒަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ކުޑަކުޑަ ގައުމަކުން 20 ޕަސެންޓް ޑިއުޓީ ނަގައި އަދަބު ދިނުމަކީ ބަހާއި އަމަލު ދިމާނުވުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ ތަރައްޤީގެ މަގުގައި ކުރިއަރައި، އެ ގައުމަކަށް ލިބުނު އެހީގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރި ގައުމެއްގެ އަތުން ޓެރިފް ނެގުމަކީ ކްލާހުގައި ކިޔަވާ ދަރިވަރަކަށް ކިޔެވުމުގެ އަދަބު ދިނުން ފަދަ ކަމެއް ކަމަށެވެ. ނަމަވެސް، ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި އެހެނިހެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ދަތުރުތަކާ ހިލާފަށް މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެކަމުގެ ބޮޑު އުއްމީދުގައި، ކަމަށް ޝާހިދު ވިދާޅުވި އެވެ.