ކ. އަތޮޅުގައި ހިންގާ އޮޅުވެލި ރިސޯޓުގެ ފަޅުތެރޭން ހިއްކި ވަކި ރަށެއްގައި ތަރައްގީކުރި ރިސޯޓް ހުޅުވައިފި އެވެ.

ކ. އަތޮޅުގައި އޮންނަ އޮޅުވެލި ރިސޯޓުގެ ފަޅުތެރެއިން ހިއްކި ވަކި ރަށެއްގައި ތަރައްގީކޮށްފައިވާ މި ރިސޯޓު ހިންގާނީ ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނީގެ ޓީޔޫއައިގެ ޓީޔޫއައި ބްލޫ ބްރޭންޑުގެ ފަރާތުންނެވެ.

ޓީޔޫއައި ގުރޫޕަކީ ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ މަލްޓި ނޭޝަނަލް ކުންފުންޏެކެވެ. މިއީ އެ ގްރޫޕުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

ޓުއި ބްލޫ ރާއްޖޭގައި ހުޅުވި ރިސޯޓް

16 އަހަރުން މަތީގެ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްޤީކޮށްފައިވާ މި ރިސޯޓުގައި ތަފާތު 3 ކެޓަގަރީއެއްގެ 98 ވިލާ ހުރެ އެވެ. އެއީ ބީޗު، ވޯޓާ ވިލާ އަދި ޕްރައިވެޓް ޕޫލް ވިލާ އެވެ.

މި ރިސޯޓުން ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތައް ހުރެ އެވެ. މޫދު ކުޅިވަރުގެ ފުރުސަތާއި، ސްޕާއެއްގެ ހިދުމަތްވެސް މި ރިސޯޓުން ލިބެން ހުންނާނެކަމަށް ޓީޔޫއައި ގުރޫޕުން ބުނެ އެވެ.

ޓީޔޫއައި ގުރޫޕުން ހާމަކުރާގޮތުގައި އެކުންފުނީގެ ވިސްނުން ހުރީ ޓީޔޫއައި ބްރޭންޑުގެ އިތުރު ރިސޯޓުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުޅުވުމަށެވެ. ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓާއި އެކު އެކުންފުނިން އޭޝިއާ ސަރަޙައްދުގައި ހިންގާ ރިސޯޓުތަކުގެ އަދަދުވަނީ 4 އަކަށް އަރާފަ އެވެ.