ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ޚިދުމަތް ރަސްމީކޮށް ގއ. ދެއްވަދޫގައި އިފްތިތާހްކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ދެއްވަދޫގެ ރައްޔިތުންނަށް ޚާއްސަ އޮފާތަކާއެކު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

"މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ،" އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 99 ރަށެއް ހިމެނެ އެވެ.

މި އޮފާ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބޭނެ އެވެ. އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

"ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ އެވެ." އެ ކުންފުނިން ބުންޏެވެ.