"ޒުވާނުންގެ ދިސާ 2022"ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިންގާ ކޭމްޕު ފަރުކޮޅުފުށީގައި މިއަދު ފަށައިފި އެވެ.

މިއީ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

މިމަހުގެ 6 އިން 8 އަކަށް މި ކޭމްޕު ކުރިއަށްދާނީ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގަ އެވެ. މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އާދަތަކާއި، ލައިފް ސްކިލްސްގެ އެކި މަޢުލޫމާތުތައް ދިނުމުގެ އިތުރުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހަރަކާތްތައް ކުރިއަށްދާނެ އެވެ.

އެޗްޑީސީ ބުނީ މި ޕްރޮގްރާމްގައި ޖުމްލަ 30 ޒުވާނަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މިއީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ޒުވާނުންގެ ދިސާ"އަކީ 2019 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީއާއި ގުޅިގެން އެޗްޑީސީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށް އެޗްޑީސީން ބުނެ އެވެ.