ކޭބަލް ޓީވީ އަކީ ދިވެހިންގެ މުނިފޫހިފިލުމުގެ ބައެއްގެ ގޮތުގައި މިއަދު ވަނީ ވެފަ އެވެ. ކޭބަލް ޓީވީގެ އެންމެ އޮޕަރޭޓެއް ޚިދުމަތް ދެމުން ދިޔަ އިރު އޭގެ މޮނޮޕޮލީގެ ފައިދާ އޮޕަރޭޓަރު ނަގަމުން ދިޔަ އިރު އޮޕަރޭޓަރު "ހެދިހާ ގޮތަކަށް" ރޫހުން ނޫން ގޮތެއް އޭރު ރައްޔިތުންނަކަށް ނެތެވެ. ނަމަވެސް ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގު ކޭބަލް ޓީވީގެ ޚިދުމަތުގެ ތެރެއަށް ވަދެ ޚިދުމަތުގެ ވާދަވެރި މާހައުލެއް އުފެއްދުމާ އެކު އޭގެ ހުރިހާ ފައިދާއެއް ރައްޔިތުންނަށް ލިބެން ފެށި އެވެ. ހެޔޮ އަގުގައި ފެންވަރު ރަނގަޅު ޚިދުމަތް ލިބެން ފެށި އެވެ.

އެކަމަކު ކޭބަލް ޓީވީގެ ރެގިއުލޭޓަރު، ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދަށް ގެނައި "ބޭއިންސާފު" ބަދަލަކުން ދިވެހިންނަށް ލިބެމުން ދިޔަ ކޭބަލް ޓީވީގެ ޚިދުމަތް އެއް ބައެއްގެ "ގޮށްމުށުގެ ބާރުގެ" ދަށަށް ދިއުމުގެ ބިރު ބޮޑުވެއްޖެ އެވެ. ދިރާގަށް ދޫކޮށްފައިވާ ލައިސަންސް އަންނަ ޖެނުއަރީ މަހަށް ފަހު ހަމަވާ ގޮތަށް ބްރޯޑްކޮމް އިން ވަނީ ގަވާއިދު ބަދަލުކޮށްފަ އެވެ. ދިރާގުން ބުނެފައިވާ ގޮތުގައި ބްރޯޑްކޮމް އިން އެ ބަދަލު ގެނައީ އެ ކުންފުނީގައި އަހާލުމެއް ވެސް ނެތި އެވެ.

ރީބްރޯޑްކާސްޓިންގެ ލައިސަންސް ދިނުމުގެ ގަވައިދުގެ އަށް ވަނަ މާއްދާގެ "ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް" ބަޔާން ކުރާ މާއްދާގެ ފަސް ވަނަ ނަމްބަރަށް ބްރޯޑްކޮމް ގެނައި ބަދަލުގައި ވަނީ ރީބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައި ވާންވާނެ ކަމަށެވެ. ދިރާގުގެ ހިއްސާ ބަހުރޭނުގެ ބަޓެލްކޯގައި އޮވެ އެވެ. ދިރާގުގައި ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އޮންނައިރު ސަރުކާރުގެ 41.8 ޕަސެންޓާއި އާންމުންގެ 6.2 ޕަސެންޓް ހިއްސާ އޮވެ އެވެ. އާއްމު ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ވިޔާފަރިއެއް ހުއްޓާލައި، އަމިއްލަ ބަޔަކު ހިންގާ ވިޔަފާރި ކުންފުންޏެއް ދެމެހެއްޓުން ބްރޯޑްކޮމް އަށް މުހިންމުވީ ކޮން ގޮތަކުން ކަމެއް ނޭނގެ އެވެ.

ބްރޯޑްކޮމް އިން ގަވާއިދަށް ގެނައި ބަދަލުން ތުހުމަތުތަކެއް

ދިރާގުން ބުނެފައިވާ ގޮތުގައި ރީބްރޯޑްކާސްޓް ކުރުން ނުވަތަ ކޭބަލް ޓީވީގެ ހިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ފަދަ އުސޫލެއް ބްރޯޑްކޮމް އިން ގެނެސްފާނެ ކަމަށް ހިތަށް ވެސް ގެނެވިފައި ނުވާ ކަމަށާއި ހިޔާލު ހޯދަން ފޮނުވި އާ ގަވައިދުގައި ވެސް އެފަދަ އިސްލާހެއް ނެތެވެ.

ބްރޯޑްކޮމް އިން ވަކި ވިޔަފާރިއަކަށް މަންފާ ލިބޭ ގޮތަށް އަދި ވާދަވެރިކަން ނެތިގެން ދާ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދެއް ހަދާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލަ އަންނަނީ ބަލަމުންނެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު ޓީވީގެ ހިދުމަތް ތައާރަފް ކުރަން އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށާއި އެ ހިދުމަތް ހުއްޓާލަން ޖެހިއްޖެ ނަމަ އެ ކުންފުންޏަށް އެއީ ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ބްރޯޑްކޮމްގެ ގަވާއިދަކުން ބޭކާރުވެގެން ދާން ދޫކޮށްލަންވީތޯ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެއްގައިވާ ގޮތުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވައިދެކެވެ. ކޭބަލް ޓީވީގެ ވިޔަފާރީގައި މުޅި ރާއްޖެގައި އެ ކުންފުނީގެ ކޮންޓްރޯލް ބޭއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މެދުވެރިކޮށް މީޑިއާނެޓުން ތަފާތު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އެ ގަރާރުގައިވެ އެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ދިރާގުގެ ޚިދުމަތް ހުއްޓާލުން ބަލައެއް ނުގަނެވޭނެ

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން ޚިދުމަތްދޭ 15،000 ކަސްޓަމަރުންގެ ޚިދުމަތް ކުއްލިއަކަށް ހުއްޓާލުމަކީ އެ ކުންފުންޏަށާއި ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ދެރައަކަށް ވާނެ އެވެ. އޭގެ އިތުރުން ދިރާގުން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ކުއްލި ބަދަލަކުން އިންވެސްޓަ ކޮންފިޑެންސް ގެއްލި، ޚިދުމަތް ފެށި އިރު ހެދި އަންދާޒާތައް ދިމާނުވެ، އިންވެސްޓްމަންޓުގެ ރިކަވަރީ މުއްދަތު ދިގުވެގެންދާނެ އެވެ. މީގެ އިތުރުން އާ ޓެކްނޮލޮޖީ ހޯދަން ދަތިވެ، އަދި ކޮންޓެންޓް ހޯދަން ވެސް ހުރަސްތައް ކުރިމަތިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ދިރާގުގެ ލީގަލް އަދި ބޯޑް ޑިރެކްޓަރު ހަޒްރަތު ރަޝީދު ހުސެއިން ވިދާޅުވީ ރީބްރޯޑްކާސްޓިންގެ އާ ގަވާއިދަށް ބްރޯޑްކޮމް އިން ބަދަލު ގެންނަން ވެގެން ޑްރާފްޓްތަކެއް ހިޔާލަށް ފޮނުވި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ޑްރާފްޓެއްގައި ދިރާގަށް އެ ވިޔަފާރި މަނާކުރާ ފަދަ މާއްދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މާއްދާއެއް އޮތްކަން އެނގުނީ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފެށުމުންކަން ދިރާގުން ފާހަގަކުރި އެވެ.

ހަޒްރަތު ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުމަކީ ދިވެހިންނަށް އެކަނި ހަނިކޮށްފައި އޮންނަ ދާއިރާއެއްކަން ބްރޯޑްކާސްޓިން ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އެހެން ވީއިރު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ބޭރުގެ ފަރާތްތަކެއް ހިއްސާވާ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭނެ ގޮތަށް ގަވައިދެއް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީބްރޯޑްކާސްޓް ކުރުމަކީ ދިވެހިންނަށް އެކަނި ހަނިކޮށްފައި އޮންނަ ދާއިރާއެއްކަން ބްރޯޑްކާސްޓިން ގާނޫނުގައި ބުނެފައެއް ނުވޭ. އެހެން ވީއިރު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ބޭރުގެ ފަރާތްތަކެއް ހިއްސާވާ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭނެ ގޮތަށް ގަވައިދެއް ނުހެދޭނެ
ދިރާގު

ގާނޫނީ ބޭފުޅުންގެ ޚިޔާލު މިގޮތަށް ހުރި އިރު މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް ބްރޯޑްކޮމް އިން ވަކި ބައެއްގެ ހައްގުތައް ގެއްލި އަނެއް ބަޔަކަށް މަންފާވާ ގޮތަށް ގަވާއިދަށް ބަދަލު ގެނައީ ކީއްވެ ބާވައެވެ؟ މިއީ ބްރޯޑްކޮމްގެ މިނިވަންކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމެކެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގު ޓީވީއަށް ދިވެހި ޗެނަލްތައް ވެސް ލައި ދެނީ މަހު ފީއެއް ނުނަގާ ހިލެ އެވެ. މީގެ އިތުރުން ދިވެހި ޗެނަލްތައް މީޑިއާ ނެޓަށް ލައިދެނީ އަގެއް ދެއްކުމުންނެވެ.

ދިރާގުން އާންމުންނާއި ވިޔަފާރިތަކަށް ވިއްކާ ޕެކޭޖްތައް ވެސް ވިއްކަނީ ބްރޯޑްކޮމްއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ދިރާގުން އާންމު ގޭބިސީތަކަށް ވިއްކާ ޕެކޭތްތަކުގެ އަގު އުޅޭނީ 150-450ރ. ދެމެދުގަ އެވެ.

ދިރާގު ޓީވީ ފެށުމުން ކަސްޓަމަރުންގެ ފަރާތުން އެ ހިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބުނުކަން އެ ކުންފުނިން ފާހަގަކުރި އެވެ. އަގުގެ ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ އެޗްޑީ ކޮލިޓީގައި ރާއްޖޭގެ 85 ޕަސެންޓް ގޭބިސީއަށް (90 ރަށަށް) ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

މީޑިއާނެޓުން އޮޅުވާލުން ބޮޑު

ކޭބަލް ޓީވީ އޮޕަރޭޓް ކުރުމުގެ މޮނޮޕޮލީ މީޑިއާނެޓަށް އެކަނި ލިބިއްޖެ ނަމަ ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އިތުރު އޮޕަރޭޓަރަކާ އެކު ވާދަވެރި މާހައުލެއްގައި ޚިދުމަތް ދޭއިރު ވެސް މީޑިއާނެޓުގެ "މަކަރާ" ޚިދުމަތް ހޯދާ މީހުން ކުރިމަތިލާން ޖެހެ އެވެ. އެއް ކަމެއް ފާހަގަކޮށްލާނަމެވެ. މީޑިއާ ނެޓުގެ ހުރިހާ ޗެނަލެއް ލިބޭ ޕެކޭޖުގެ އަގަކީ 750ރ. އެވެ. އެކަމަކު އެޑްއޮން ޕެކޭޖެއްގެ ގޮތުގައި ހިމަނާފައިވާ ސްޕޯޓްސް ޕެކޭޖުގެ އަގަކީ 159ރ. އެވެ. މި ޕެކޭޖް ލޯކަލް ޕެކޭޖުގެ ގޮތުގައި ހިމަނާފައިވާ 159ރ.ގެ ޕެކޭޖުގެ ތެރޭގައި ނުނެގެ އެވެެ. އެންމެ ދަށްވެގެން ވެސް ސްޕޯޓްސް ނެގެނީ 318ރ. އަށް ދޭ ބޭސިކް ޕެކޭޖުގެ ތެރޭގަ އެވެ. އެހެންވެ 159ރ. އަށް ދޭ ސްޕޯޓްސް ޗެނަލް ބަލަން ބޭނުންވާ ކަސްޓަމަރަކު މަދުވެގެން މަހަކު 477ރ. ހޭދަކުރަންޖެހެ އެވެ.

މީޑިއާނެޓް އޮފީސް ތެރެ.. ފޮޓޯ: ސަން

މީޑއާނެޓުގެ ހިއްސާދާރުން

  • ޖޭޕީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް
  • ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
  • ކޮމަންޑޫ ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަދި އޭޑީކޭގެ ވެރިޔާ އަހުމަދު ނާޝިދު
  • އަހުމަދު ޝަފީއު (މެސްކޯ އަހުމަދު)
  • ހަސަން ޒާހިރު (ރާޑޯ ޒާހިރު)

ދިރާގު ޓީވީއަށް ދީފައިވާ ލައިސަންސް އަންނަ ޖެނުއަރީ 29 ވަނަ ދުވަހަށް ހަމަވާތީ ލައިސަންސް އާ ކުރަން މިދިޔަ ޖުލައި މަހު ބްރޯޑްކޮމްއަށް ވަނީ ހުށަހަޅައިފަ އެވެ. އެ ސިޓީއަށް އެ ކޮމިޝަނުން އޮގަސްޓް މަހު ޖަވާބު ދީފައިވަނީ އާ ގަވައިދުގެ ދަށުން ދިރާގަށް އެ ލައިސަންސް ދެވެން ނެތް ކަމަށެވެ. ހާދަހާ ދެރަ އެވެ. ހުރިހާ ދެރައެއް ދިވެހި ރައްޔިތުންނަށެވެ.

ހަމައެކަނި 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސަންސް ދޫކުރާ ގޮތަށް ބްރޯޑްކޮމް އިން ގަވާއިދު އިސްލާހުކުރުމާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.