ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހެދި 1،000 ފްލެޓް ހިމެނޭ ބިލްޑިންތަކުގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި އެންމެ ދުވަސްވީ ފްލެޓުތަކުގެ މައްސަލަތަކާއި އާބާތުރަ ފިލުވުމަށްހުރި ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގިނަ ދުވަސްވުމުގެ ސަބަބުން އެ އިމާރާތްތަކުން އެކިކަހަލަ މަައްސަލަތައް ފާހަގަކުރެވެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އިމާރާތްތަކަށް ދުވަސްވުމުގެ ސަބަބުން މަރާމާތުކުރުމުގެ މަސައްކަތްތައް އިތުރުވަމުން ދަނީ. އަދި މިކަމުގެ ސަބަބުން އިމާރާތުގެ މަރާމާތުތަކުގެ މަސައްކަތަކަށް އެތަކެއް ޚަރަދުތަކެއް ކުރަންޖެހުމާއި، އެކިކަހަލަ ގެއްލުންލިބިދާނެކަމުގެ ބިރު އޮވޭ،" އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ފުރަތަމަ ފޭހުގައި އިމާރާތްކޮށްފައިވާ 1،000 ފްލެޓް ހިމެނޭ ބިލްޑިންތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް ސާވޭއެއް ކުރަނީ. ފޮޓޯ: އެޗްޑީސީ

އެހެންކަމުން އެފަދަ އިމާރާތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް އެންމެ ރަނގަޅު ގޮތަކީ ފިޒިކަލް އިންސްޕެކްޝަނެއް ހެދުންކަމަށް އެޗްޑިސީން ފާހަގަކުރެ އެވެ. އަދި މިހާރު އެ އިމާރާތްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ، މަރާމާތުކުރަންޖެހޭ ތަންތަން ފާހަގަކުރުމަށްޓަކައި 1000 ފްލެޓްގެ އިންސްޕެކްޝަނެއް ވަނީ ފަށައިފަ އެވެ.

އެޗްޑީސީން ބުނީ މި މަސައްކަތްތަކާއެކު މަރާމާތުކުރުމުގެ މަސައްކަތަށް ޚަރަދުވާ ވަރުވެސް ދެނެގަނެ ލަސްތަކެއް ނުވެ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފޭހުގައި އިމާރާތްކޮށްފައިވާ 1،000 ފްލެޓް ހިމެނޭ ބިލްޑިންތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް ސާވޭއެއް ކުރަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި މީހުން އާބާދުވާން ފެށީ 2004 ގަ އެވެ. އެންމެ ފުރަތަމަ ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 210 އެޕާޓްމަންޓްގެ ފްލެޓާއި، 120 ލޭންޑް ޕްލޮޓް އަދި ވިޔަފާރިއަށް ހާއްސަ 34 ޔުނިޓެވެ. އެހެންކަމުން ގިނަ ދުވަސްވުމުގެ ސަބަބުން އެތަންތަނުގައި ގިނަ މަރާމާތުތަކެއް ހުރިކަން ފްލެޓުތަކުގައި ދިރިއުޅޭ މީހުން ބުނެ އެވެ.