އެމްޑަބްލިޔުއެސްސީއިން ފަތުވެރިންނަށް އަމާޒުކޮށްގެން "އާރޯ" ޕްރިމިއަމް ބްރޭންޑްގެ ފެން ތަޢާރަފްކޮށްފި އެވެ.

ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރެވޭ "އާރޯ" ބްރޭންޑްގެ ފެން ތަޢާރަފްކުރީ މިކަމަށްޓަކައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، އެމްޑަބްލިޔުއެސްސީގެ ބޯޑު އޮފް ޑިރެކްޓަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރައްވާ އެކި ފަރާތްތައް ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު، މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، މިފަދަ ދިވެހި އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތައާރަފްކޮށް، އިޝްތިހާރުކޮށްގެން ކަމަށެވެ. އަދި ބޭރުގެ އުފެއްދުންތަކާއި އެއްހަމައެއްގައި ދިވެހި މިފަދަ އުފެއްދުންތައް ފައިތިލަ ސާބިތުކުރުމަކީ، ފަތުރުވެރިކަމާއި އިގްސިދީ ދާއިރާއިން ދިވެހިންނަށް ލިބިދޭ މަންފާ އިތުރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައި ވެސް ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީއިން "އާރޯ" ފެން ބާޒާރަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެމްޑީ ހަސަން ސާހު ވާހަކަ ދައްކަވަނީ.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

ރާއްޖޭގެ ގުތުރަތީ ރީތިކަން ސިފަވާގޮތައް ދިވެރި ހުނަރުވެރި ކުރެހުންތެރިން ފަރުމާކޮށްފައިވާ މިއުފެއްދުން، ބާޒާރަށް ނެރެނީ 1 ލީޓަރު އަދި 500 އެމްއެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެންނެވެ. މިއީ، އަދުގެ ސަރުކާރުން ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓްކުރުމުގެ ޕްލޭނާއި އެއްގޮތައް، އެލަނޑުދަނޑިޔަށް ވާސިލްވުމަށްޓަކައި މިކުންފުނިން ތައާރަފް ކުރި އުފެއްދުމެކެވެ.

އެމްޑަބްލިޔުއެސްސީއިން "އާރޯ" ފެން.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

"އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިއަމް ކޮލިޓީގައި އުފައްދައިގެން ނެރެވުނު ފެނެކެވެ. މީގެ އިތުރުން ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް ބާޒާރައް ނެރެ ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަންތަކުގަ އާއި ޚިދުމަތްތައް ދިނުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރުކުރުމެވެ.