މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް މިހާރު ސްޓެލްކޯގެ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް މުދާ ގަނެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް އިސްލާމީ ޝަރީއަތުގެ ހަމަތަކުގެމަތިން ދޭ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން ފަރުނީޗަރު، އިލެކްޓްރޯނިކްސް، ފޯނު ފަދަ މުދާ ކްރެޑިޓް އުސޫލަށް ނެގޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނައި އަދި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި މިނޫނަސް ކަރަންޓާ ގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ކަސްޓަމަރުންނަށް މިސްކީމްގެ ދަށުން ލިބޭނެ އެވެ.

މިސްކީމްގެ ދަށުން އެމްއައިބީން ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މުދާ ގަނެވޭނެ ކަމަށް އެބޭންކުން ބުނެ އެވެ. މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000 ރުފިޔާގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމަށް އެ ބޭންކުން ގަބޫލުކުރެ އެވެ.

އެމްއައިބީން ބުނިގޮތުގައި ފައިނޭންސިން އެހެން ސްކީމްތަކާ ޚިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެ ކަމަށެވެ. އަދި މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވޭނެ ކަމަށާއި މުދާ ދޫކުރާ މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.