އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ގްރޭންޑް ޕްރައިޒްގެ ހަތަރު ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

މި ހަތަރު ނަސީބުވެރިންނަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ދޭނެ އެވެ.

އުރީދޫ ފުޓްބޯޅަ ފޯރި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު 1 އޮގަސްޓް އިން ފެށިގެން 31 އޮކްޓޯބަރުގެ ނިޔަލަށް އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުން ކުރާ ކޮންމެ ކަސްޓަމަރުންނަށް ފުރުސަތު އެ ކުންފުނިން ހުޅުވާލި އެވެ.

ލަކީޑްރޯގެ ނަސީބުވެރިން ހޮވައި ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯގައި ލައިވްކޮށް އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:00 ގައި މާޒިޔާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ނަސީބުވެރި ހަތަރު ނަސީބުވެރިން:

  1. މަރިޔަމް ޝަބްނަމް
  2. އަހުމަދު ޝިހާމް
  3. ހާފިޒް ސައީދު
  4. ސޮމަރަތްނަ ޔޮޑަގެ

"މި އަހަރުގެ ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗު ގެ ފޯރި ލައިވްކޮށް ގަތަރުގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނު 4 ނަސީބުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މެޗުތައް ބައްލަވާ ކަސްޓަމަރުންނަށްވެސް މި އުފާވެރިކަމާއި ފޯރި ގެނެސްދިނުމަށް. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ޙަރަކާތްތައް ރާވާމުން. އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު މި ކުރެވޭ މަސައްކަތާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރު ފުރާއިގެ މީހުންނަށް ވެސް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕަކަށް އުއްމީދުކުރަން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ހަތަރު ނަސީބުވެރިންނަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަނާއި ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބެލުމަށް ސްޓޭޑިއަމް ޓިކެޓް ލިބޭނެ އެވެ. އަދި ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގް ފަދަ ހިތްގައިމު އިނާމުތައް ދެމުންނެވެ.

މި ލަކީޑްރޯ ޕްރޮމޯޝަނަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރި އަދި މަޖާ ވޯލްޑް ކަޕް ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގްސަދުގައި 23 މެއި ގައި ރަސްމީކޮށް ފެށި އުރީދޫގެ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނަކުން ވެސް މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ކަވަރޭޖް ޓައިޓަލް ޕާޓްނަރަކަށް ވެސް މީޑިއާނެޓާއެކު ސޮއިކޮށްފަ އެވެ.