ސްޓެލްކޯގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު އެ މީހުންގެ ދަރިން ބަހައްޓާނެ ޑޭކެއާ ސެންޓަރެއް އެ އޮފީހުގައި ހުޅުވައިފި އެވެ.

މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ޗައިލްޑް ކެއާ ސެންޓަރެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މިސެންޓަރު ހުޅުވައިދެއްވީ ކުންފުނީގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއާ ސެންޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރެވޭ މާހައުލެއް ހޯދާދިނުމުގެ ގޮތުން ގާއިމުކުރި ތަނެކެވެ.

ޗައިލްޑް ކެއާ ސެންޓަރު ހުޅުވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި މިތަނަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުންކަން ފާހަގަކުރައްވާ، ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދިނުމަށް މުވައްޒަފުންގެ ކިބައިން ޝަރީފު އެދިލެއްވި އެވެ.

ޗައިލްޑް ކެއާ ސެންޓަރަކީ ހަތަރު އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ސެންޓަރެކެވެ.

އެ ސެންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00 އަށެވެ. ސްޓެލްކޯއިން ބުނީ ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުން ކަމަށެވެ. އެގޮތުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށް ވެސް އިސްކަންދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.