Advertisement

ޗައިނާ އިން ފަތުރުވެރިން އަންނާނެކަމުގެ ޔަގީންކަން ލިބިއްޖެ: ރައީސް

FacebookTwitterWhatsAppTelegramViber

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިންގެ އަންނަ މާކެޓް ކަމަށްވާ ޗައިނާ އިން ފަތުުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ތާރީހެއް އިއުލާން ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުުޅުވާލަނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވާގޮތަށް މުޅި ދުނިޔެ އަށް ކަމަށެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާ އަކީ، ރާއްޖެ އަށް ފަތުރުވެރިން އައުން އެންމެ ފުރަތަމަ މަޑުޖައްސާލި ގައުމެވެ.

ރައީސް ވިދާޅުވީ މުޅި ދުނިޔެ އަށް ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ބައެއް ގައުމުތަކުން ދަތުރުކޮށް އަނބުރާ ދިއުމުގައި ވަކި ކަހަލަ ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޗައިނާ އަށް އެނބުރި ވަންނައިރު ޕީސީއާރު ނަތީޖާ އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޗައިނާ އަށް އެނބުރި ދާ ކޮންމެ މީހެއްގެ އަތުގައި ވެސް އެބަ އޮންނަންޖެހޭ 120 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓެއްގެ ނަތީޖާ. އެއީ ގާތްގަނޑަކަށް ހަތަރު ދުވަސް ނުވާ ނަތީޖާއެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން އެދޭ ގޮތަށް ޗައިނާގެ ޓޫރިސްޓުން ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަން އިތުރަށް ފަސޭހަކުރުމަށްޓަކައި ޗައިނާ ސަރުކާރުން މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެސްޓް ކުރެވޭނެ ސިސްޓަމެއް އަންނަނީ ގާއިމް ކުރަމުންނެވެ. މި ސިސްޓަމް މެދުވެރިކޮށް ދުވާލަކު 1،000 މީހުން ޓެސްޓް ކުރެވޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

މިދިޔަ އަހަރު ޗައިނާ އިން ރާއްޖެ އަށް ގާތްގަނޑަކަށް ތިން ލައްކަ ފަތުރުވެރިން އައިސްފައިވެ އެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާއިރު ސަރުކާރުން އަންދާޒާ ކުރަނީ 850،000 ފަތުރުވެރިން މިއަހަރު ރާއްޖެ އަންނާނެ ކަމަށެވެ.

"މިހާރުވެސް ބައެއް ރިސޯޓުތަކުން އޮކިޔުޕެންސީ 30 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް އެބަ ބުނޭ. އެއީ ރަނގަޅު ސައިންއެއް. އަޅުގަނޑުގެ އަންދާޒާ އަކީ ގާތްގަނޑަކަށް މުޅި ޖުމްލަ 850،000 ޓޫރިސްޓުން މިއަހަރު ގެނެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަހަރުގެ ފަހުކޮޅު ޓޫރިޒަމް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހު ރާއްޖެ އަށް އަންނާނެ ކަމަށް ލަފާކުރެވެނީ ފަސް ލައްކަ ފަތުރުވެރިން ކަމަށެވެ. އެއީ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ ތަފާސްހިސާބުތަކަށް ބަލައި ކޮށްފައިވާ އަންދާޒާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ 2019 ވަނަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ކޮވިޑް-19 އާއި ގުޅިގެން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު، ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top