ދިވެހިންގެ ބޭންކަށް މިއަދު 40 ފުރިހަމަވި އިރު ބޭންކިން ދާއިރާގައި ބޭންކް އޮފް މޯލްޑިވްސް ހޯދާފައިވާ ކާމިޔާބީއާ މެދު ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވާނެ އެވެ.

ވަރަށް އާދައިގެ ގޮތަކަށް ބޭންކިންގެ ޚިދުމަތް ފަށައި މިހާރު ވަނީ އެންމެ ޒަމާނީ ފެންވަރަށް އެ ޚިދުމަތް ތައާރަފްކޮށްފަ އެވެ. ބޭންކަށް ގޮސްގެން، ދިގު ކިޔޫގައި އެތައް އިރެއް ހޭދަކޮށްގެން ނޫނީ އެއްވެސް ޚިދުމަތެއް ލިބެން ނެތް ޒަމާން ވަނީ މާޒީވެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް ވުޖޫދަށް އައީ މީގެ ބަރާބަރު 40 އަހަރު ކުރިން ނޮވެމްބަރު 11، 1982 ގަ އެވެ. ބޭންކް ފުރަތަމަ އުފެދިގެން އައީ ޖޮއިންޓް ވެންޗާ ބޭންކެއްގެ ގޮތުގަ އެވެ. ދިވެހި ސަރުކާރުގެ 60 ޕަސެންޓާއި ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީ ލިމިޓެޑް، ފަހުން އައިއެފްއައިސީ ބޭންކް ލިމިޓެޑުގެ 40 ޕަސެންޓް ހިއްސާއާ އެކު އެވެ.

ޑިސެމްބަރު 1992 ގައި ސަރުކާރުން ވަނީ ބީއެމްއެލްގެ ހިއްސާ އާއްމުންނަށް ވިއްކަން ނިންމައިފަ އެވެ. އެއީ 10 އަހަރަށް ފަހު އައިއެފްއައިސީގެ ހިއްސާ ސަރުކާރުން ގަތުމަށް ފަހު އެވެ. ބީއެމްއެލްގައި ސަރުކާރުގެ ހިއްސާއަކީ މިހާރު 62.2 ޕަސެންޓެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 4.1 ޕަސެންޓް ހިއްސާވާ އިރު އާއްމުންގެ ހިއްސާގެ އަދަދަކީ 33.7 ޕަސެންޓެވެ.

ބީއެމްއެލް އިން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ރަނގަޅުކުރުމަށް ކާޑު ސެންޓަރެއް 2006 ގައި ތައާރަފުކުރި.

ބޭންކުގެ ޚިދުމަތްތައް ތަރައްގީކޮށް، "ބީއެމްްއެލް އިސްލާމިކް"ގެ ނަމުގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް މި މުސްލިމް ގައުމުގައި ފެށީ ޖެނުއަރީ 22، 2015 ގަ އެވެ.

ބޭންކުގެ ބައެއް އުސްއަލިތައް

ޑިޕޮސިޓް ބޭސް: 28 ބިލިއަން ރުފިޔާ

އެސެޓްތައް: 41 ބިލިއަން ރުފިޔާ

ކަސްޓަމަރުންގެ އަދަދު: 300،000

ބޭންކުގެ ގޮފިތައް: ރާއްޖޭގެ 20 އަަތޮޅުގައި 35 ބްރާންޗް

ސެލްފް ސާވިސް ބޭންކިން ސެންޓަރު: 82

އޭޓީއެމް: 140

ކޭޝް އެޖެންޓުން: 277

ޕޮއިންޓް އޮފް ސޭލްސް މާޗެންޓުން: 7،900

ސްޓާފުންގެ އަދަދު: 950، މީގެ ތެރޭން 99 ޕަސެންޓަކީ ދިވެހިން

ބީއެމްއެލް އިން ދޭ ހިދުމަތް ފުޅާކުރުމުގެ ގޮތުން ފުރަތަމަ ބްރާންޗް ހުޅުވީ 1983 ވަނަ އަހަރު ސ. ހިތަދޫގައި.

ބީއެމްއެލް އިން ވަނީ ބޭންކިންގެ ދާއިރާ އިން ރާއްޖެ އަށް އަލަށް އެތައް ކަމެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އަށް އެންމެ ފުރަތަމަ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ޚިދުމަތް ތައާރަފް ކުރުމާއި ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ތައާރަފް ކުރުމާއި ފައިސާ އާއި ޗެކް ޑިޕޮސިޓް ކުރެވޭ މެޝިން އެންމެ ފުރަތަމަ ބެހެއްޓުން ހިމެނެ އެވެ.

ސީއެސްއާރުގެ ދާއިރާ އިން ފާހަގަކޮށްލެވޭ ކަންތައްތަކެއް

ބީއެމްއެލް އަކީ އިޖްތިމާއީ ޒިންމާ އަދާކުރުމުގައި ރާއްޖޭގައި ނަމޫނާ ކުންފުންޏެކެވެ. އެ ގޮތުން އެ ބޭންކުން ވަނީ ސީއެސްއާރާއި މުވައްޒަފުން ތަމްރީނު ކުރުމަށް 300 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް ދާދި ފަހުން ހިންގައިފަ އެވެ.

ސީއެސްއާރުގެ ޕްރޮގްރާމްތައް މައިގަނޑު ގޮތެއްގައި މިހާރު ހިންގަނީ މުޖްތަމައަށް ފައިދާހުރި ދާއިރާތަކަށެވެ. އެ ގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއި ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމް، ރަށްރަށަށްދޭ އެހީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ އެންޖީއޯތަކަށް އެހީވުން ހިމެނެ އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށްވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ބީއެމްއެލް

ތައުލީމީ ދާއިރާ އިން ވަނީ ޓީޗިން ރިސޯސަސް އަދި ފައިނޭންޝަލް ލިޓަރަރީ ޕްރޮގްރާމުގެ އިތުރުން ސެން ކްލާސްތަކަށް އެހީވެދީފަ އެވެ. ކުޅިވަރުގެ ދާއިރާ އިން ބަލާނަމަ ބީއެމްއެލް އަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޮންސަރެވެ. އަދި ސްވިމިން އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަންގެ ސްޕޮންސާޝިޕް ޕާޓްނަރެއް ވެސް ހިމެނެ އެވެ.

ތިމާވެއްޓަށް އެހީވުމުގެ ގޮތުން ވެސް ބީއެމްއެލް އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ކާބަން މަދުކޮށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ބޭންކުގެ އެހީތެރިން ފޯރުކޮށްދޭ އިރު މޫދާއި ކަނޑުތަކުގެ ސާފުކަން ދެމެހެެއްޓުމާއި ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ ޕްރޮގްރާމްތަކަށް ދަނީ އެހީވަމުންނެވެ. މީގެ އިތުރުން ތިމާވެއްޓާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދަނީ ކޮންމެ މަހަކު ވެސް މުޖުތަމައަށް ފައިދާ ހުރި ޕްރޮގްރާމެއް ހިންގަމުންނެވެ. މި ގޮތުން ވަނީ އައިޖީއެމްއެޗްގައި އޮންކޮލޮޖީ އަށް ޚާއްސަ ވޯޑެއް ގާއިމްކުރުމާއި ގައުމީ ދާރުލްއާސާރު ތަރައްގީކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމް ތައާރަފްކޮށްފަ އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ 100 އަށް ވުރެ ގިނަ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ ފަ އެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' އަށް ބީއެމްއެލް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ---

ބޭންކުގެ ފައިދާ އަށް ބަލާއިރު މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވަނީ ޓެކްސް އަށް ކެނޑުމަށް ފަހު 367 މިލިއަން ރުފިޔާ ލިބިފަ އެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 694 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮވިޑުގެ ގެއްލުންތަކުން އަރައިގަނެވި ބީއެމްއެލް އަށް މިދިޔަ އަހަރު ވަނީ ސާފު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ. ބީއެމްއެލްގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ޓެކްސްގެ ގޮތުގައި އެކަނިވެސް ދައުލަތަށް ވަނީ 646.5 މިލިއަން ރުފިޔާ ދައްކައިފަ އެވެ. އަދި މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ސަރުކާރަށް ޑިވިޑެންޑުގެ ގޮތުގައި ވަނީ 124.8 މިލިއަން ރުފިޔާ ދައްކައިފަ އެވެ. އެހެންކަމުން މިދިޔަ އަހަރު ޓެކްސް އާއި ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާގެ އަދަދު 817.6 މިލިއަން ރުފިޔާއަށް އަރަ އެވެ.

ބީއެމްއެލްގެ ފުރަތަމަ އޭޓީއެމް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ތައާރަފުކޮށްދެއްވަނީ.

ވަރަށް އާދައިގެ ގޮތަކަށް އެންމެ އަށް މުވައްޒަފުންނާ އެކު މީގެ 40 އަހަރު ކުރިން ފެށި ބޭންކުގެ ޚިދުމަތް ނުލިބޭ ދިވެއްސަކު މިހާރު މަދުވާނެ އެވެ. ލޯނާއި އެކި އެކި އެހީގެ ގޮތުން ދިވެހިންގެ ވިޔަފާރިތައް ތަރައްގީކޮށް، ތައުލީމާއި ގެދޮރުގެ ތަނަވަސްކަން ވަނީ ފޯރުކޮށްދީފަ އެވެ. އެހެންވެ ބީއެމްއެލްގެ މާޒީގެ 40 ގުޅިފައި ވަނީ ކޮންމެ ދިވެއްސެއްގެ ވެސް ހަޔާތަށް ގެނުވި އިންގިލާބީ ބަދަލަކަށެވެ.