މިމަހުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މި މުއްދަތާއި އަޅާ ބަލާއިރު، 10.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން މިމަހުގެ ފުރަތަމަ 9 ދުވަސްތެރޭ ރާއްޖެއަށް 43،687 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 39،589 ޓޫރިސްޓުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 1.38 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1.05 މިލިއަން ޓޫރިސްޓުންނާ އަޅާ ބަލާއިރު، 31.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1.43 މިލިއަން ޓޫރިސްޓުންނާ އަޅާ ބަލާއިރު، 3.2 ޕަސެންޓް ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު އައި ޓޫރިސްޓުން އަދަދު

  1. ޖެނުއަރީ – 131،764 ޓޫރިސްޓުން
  2. ފެބްރުއަރީ – 149،008 ޓޫރިސްޓުން
  3. މާރިޗު – 150،748 ޓޫރިސްޓުން
  4. އޭޕްރީލް – 145،280 ޓޫރިސްޓުން
  5. މެއި – 125،522 ޓޫރިސްޓުން
  6. ޖޫން – 110،889 ޓޫރިސްޓުން
  7. ޖުލައި – 133،561 ޓޫރިސްޓުން
  8. އޮގަސްޓް – 131،862 ޓޫރިސްޓުން
  9. ސެޕްޓެމްބަރ – 111،986 ޓޫރިސްޓުން
  10. އޮކްޓޯބަރު – 153،737 ޓޫރިސްޓުން
  11. ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް – 43،687 ޓޫރިސްޓުން

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އަވަށްޓެރި އިންޑިއާ އެވެ.

އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް، 195،015 ޓޫރިސްޓުން އައިސްފައިވާއިރު، މިއީ ރާއްޖެއަށް އައިސްފައިވާ ޖުމްލަ ޓޫރިސްޓުންގެ 14 ޕަސެންޓެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ، ރަޝިއާއިންނެވެ. މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 170،821 ޓޫރިސްޓުން އައިއިރު، 151،358 ޓޫރިސްޓުންނާއެކު 3 ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،854 ޓޫރިސްޓުން އާދެ އެވެ. ސަރުކާރުން ވަނީ މި އަހަރަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ކަނޑައަޅާފަ އެވެ. އަދި މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި އަމާޒު ހާސިލްވާނެކަމަށް ސަރުކާރުން ލަފާކުރެ އެވެ.