ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ހިންގާ މާލީ އެހީ ދިނުމުގެ ޕްރޮގްރާމުގެ ދެވަނަ ބުރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރަކަށް ފޯމު ހުށަހެޅުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ރިވިއު ކުރަމުން އަންނަ ކަމަށެވެ. އަދި ދެވަނަ ބުރުގައި އެ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށާއި، އެހެން ނަމަވެސް، ފުރަތަމަ ބުރުގެ މުއްދަތު ހަމަވިއިރު ފޯމު ހުށަނޭޅުނު ފަރާތްތަކަށް ދެވަނަ ބުރުގައި އެ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ

މާލީ އެހީ ޕްރޮގްރާމަށް ހުޅުވާލެވިފައިވާ ދާއިރާތައް:

  • ކާބޯތަކެތި އުފެއްދުން
  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް

މި އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް 60,000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހެ އެވެ.

އެހީއަށް އެދުމުގައި ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތައް:

  • 1 ޖުލައި 2022 އާއި ހަމައަށް މަދުވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން
  • އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން

މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ. މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ޖޮބް ސެންޓަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.