ޓެލެކޮމް އޮޕަރޭޓަރެއް ގެންނަން އިއުލާންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު އަލީ ސާލިހު "ހުރިހާ"އަށް ވިދާޅުވީ ރާއްޖެއަށް އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމަށް އިއުލާންކުރުމުގެ ކުރިން ހަދަން އުސޫލްތަކާއި ގަވައިދުތައް ހެދުމުގެ މަސައްކަތްކުރަމުން ދަނީ. ދެން މާލަހެއް ނުވެ އިއުލާންކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ކަމެއް. މި މަސައްކަތް ނިމުމާއެކު ވަރަށް އަވަހަށް އިއުލާން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައިވެ އެވެ. އެ ލައިސަންސް ދީގެން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ވެ އެވެ.

ރާއްޖޭގައި ދޭ މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް ބޮޑުވެ، އެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.