ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އިނގިރޭސިވިލާތުގެ ތިން ސަރަހައްދެއްގައި ހާއްސަ ރޯޑް ޝޯތަކެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ މި ރޯޑް ޝޯތަކަކީ އެ ގައުމުގައި ރާއްޖެ ސްޓްރެޓަޖިކަލީ ޕްރޮމޯޓުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. މި ރޯޑްޝޯގެ ތެރެއިން އިނގިރޭސިވިލާތުގެ މައި ތިން ސިޓީއެއްގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ރޯޑްޝޯވ ސީރީޒް ކުރިއަށްދާނީ ލަންޑަން، މެންޗެސްޓާރ، އަދި ނިއުކާސަލްގައި މި މަހުގެ 9 އަކުން 11 އަށެވެ.

މީގެފުރަތަމަ ރޯޑް ޝޯ މެންޗެސްޓާ ގައި ކުރިއަށްގެންދިޔައިރު އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ. މި ރޯޑް ޝޯވގައި އިގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ.

ޑަބްލިއުޓީއެމް ލަންޑަންގައިވެސް މިއަހަރު އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެ ވަނީ ރާއްޖެ އިޝްތިހާރުކޮށްފަ އެވެ. މި ފެއަރގައި ޓޫރިޒަމް އިންޑަސްޓްރީގެ 80 ކުންފުންޏަކުން 173 މީހުން ބައިވެރިވެ އެވެ.އިނގިރޭސިވިލާތުން މި އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް 147،535 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.