Advertisement

ޓޫރިޒަމް މިނިސްޓަ އަލީ ވަހީދު / ފޮޓޯ: ރައީސް އޮފީސް

ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރިސޯޓް ޖުލައިގައި ހުޅުވޭނެ: މިނިސްޓަރު

FacebookTwitterWhatsAppTelegramViber

މިހާރު ވެސް 40 ރިސޯޓް ހުޅުވަން އެދިފައިވާ ކަމަށާއި، ޖުލައި މަހު ބޯޑަރު ހުޅުވޭއިރު މިހާރު އޮޕަރޭޓް ކުރާ ރިސޯޓްތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ރިސޯޓް ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޯޑަރު ހުޅުވާ ތާރީހް އިއުލާން ކުރުމުގެ ކުރިން 40 ރިސޯޓް ހުޅުވަން ބޭނުންވެގެން އެދިފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ތާރީހް އިއުލާން ކުރުމާއިއެކުވެސް އިތުރު 30 ވަރަކަށް ރިސޯޓުން ހުޅުވަން ބޭނުންވެގެން އެދިފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

"ބޯޑަރު ހުޅުވާ ދުވަސް އިއުލާނު ކުރުމުގެ ކުރިން މިނިސްޓްރީން ސާކިއުލާއެއް ނެރުނިން. އޭރު އެ ތާރީހު ކަށަވަރު ނުވާއިރު ވެސް، 41 ރިސޯޓެއް ޖުލައިގައި ހުޅުވާނެކަމުގެ ޔަގީންކަން މިނިސްޓްރީއަށް ދީފައި އޮތީ. ތާރީހު ލިބުމާއެކު ޑިސައިޑް ކުރަން އިތުރު 30 ރިސޯޓުން ބޭނުންވާކަމުގެ މައުލޫމާތު ދީފައިވަނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަދުން ނަމަވެސް ބައެއް ރިސޯޓްތަކުން ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ހުޅުވަން ތާރީހް މިނިސްޓްރީ އަށް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، ބޯޑަރު ހުޅުވާ ދުވަސް މިހާރު އިއުލާން ކުރުމުން އެ ރިސޯޓްތައް ހުޅުވުން ވެސް އަވަސްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި 150 ވަރަކަށް ރިސޯޓު އޮޕަރޭޓު ކުރަމުން މިދިޔައީ. އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރިސޯޓު ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް އަންނާނެ. އިންޑަސްޓްރީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުން. ބާކީ ހުރި ގިނަ ރިސޯޓުތައް އޮގަސްޓް މަހު އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ، އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާނެކަން އިއުލާންކުރައްވާފަ އެވެ. އެއާ އެކު، ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމް ގެ އާ ގައިޑްލައިން އާއްމުކޮށްފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top