Advertisement

ބޯޑަރު ހުޅުވާ ދުވަހު ގެސްޓުންނާއެކު ފްލައިޓް ޖައްސާނެ: އަލީ ވަހީދު

FacebookTwitterWhatsAppTelegramViber

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާއިރު، ފަތުރުވެރިންނާއި އެކު ފްލައިޓް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލުމާއެކު ދަތުރުތައް ޝެޑިއުލް ކުރަން، ރާއްޖެއަށް މީގެ ކުރިން ޝެޑިއުލްކޮށްގެން އަންނަ އެއާލައިންތަކާއި އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ބޯޑަރު ހުޅުވާ ދުވަހު ތިން ފްލައިޓް ޖެއްސުމަށް މިހާރު ސްލޮޓް ބުކް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެމިރޭޓްސް އަދި އިންޑިގޯ ހިމެނެ އެވެ.

މީގެ އިތުރުން، ޗައިނާގެ ފްލައިޓްތަކާއި ސިންގަޕޯ އަދި އިއްތިހާދު ފަދަ އެއާލައިންތައް ޖުލައި މަހު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތާރީހު އިއުލާނު ކުރުމުގެ ކުރިން 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަން ސްލޮޓް ނަގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިންގެ އަންނަމުންދާ 10 މާކެޓް ގައި ހިމެނޭ ގައުމުތަކުން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ފޮރިން މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން މާކެޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފްލައިޓްތައް ނިއު ނޯމަލްގައި ޖެއްސުމަށްޓަކައި، އެމްއޭސީއެލްގެ އިތުރުން އެއާޕޯޓާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ވެސް އޮތީ ދަތުރުތައް ފަށަން ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެސީއެލް އިން ވެސް ވަނީ ނިއު ނޯމަލްގައި ފްލައިޓްތައް ޖައްސަން ވާންޖެހޭ ތައްޔާރީތައް ވެފަ އެވެ.

ރާއްޖޭގެ ބޯޑަރު މި ހުޅުވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބަންދުކުރުމަށް ފަހުގަ އެވެ.

ސަރުކާރުން މިހާރު އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފަސް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top