ޖެހިޖެހިގެން ތިން ވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ލިބުނުކަން އިއުލާންކުރެއްވީ އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓްގަ އެވެ.

ރާއްޖެއިން މި އެވޯޑް ޖެހިޖެހިގެން ތިން ވަނަ ފަހަރު ހޯދާފައިވާއިރު، މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ވަރަށް ވާދަވެރި މަންޒިލްތަކާއި ވާދަކުރުމަށްފަހުކަމަށެވެ.

މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދޫﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ސީއީއޯ ތޮއްޔިބު މުހައްމަދެވެ.

ޑަބްލިޔުޓީއޭގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ، މި އެ އެވޯޑް ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

"ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް ރާއްޖެއިން މިފަހަރު ކާމިޔާބުކުރިއިރު، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވެސް ފުރޭ މުނާސަބާ ފާހަގަކުރަމުންދާ އަހަރެވެ.

މި އަހަރުގެ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑުގެ އިތުރުން ވެސް ގިނަ އެވޯޑްތަކެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކުވެސް، ވޭތުވެދިޔަ ތިން އަހަރު ރާއްޖެއިން މި ޝަރަފު ހޯދާފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސްއަކަތްކުރާ ހުރިހާ ފަރާތްތަކުގެ މަސައްކަތުގެ ފުރިހަމަކަމުންކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެ އެވެ.