މ. ނާލާފުއްޓާއި ލ. މާބައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި, ޒަމާނީ އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މ. ނާލާފުށީގައި 23 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާއި އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފެށީ އިއްޔެ މެންދުރުފަހު 2:35 އިން ފެށިގެން ކަމަށެވެ.

މާބައިދޫގައި ހުރި އިންޖީނުގެއަކީ 38 އަހަރުވެފައިވާ ޒަމާންވީ އިންޖީނުގެއެކެވެ. އެ އިންޖީނުގެ ނިއްވާލައި, އާ އިންޖީނުގެއިން ކަރަންޓު ދޭން ފެށީ އިއްޔެ މެންދުރުފަހު 3:52 އިން ފެށިގެން ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޅ. އޮޅުވެލިފުށީގައި ހުރި 28 އަހަރުވީ އިންޖީނުގެއާއި އެ އަތޮޅު ކުރެންދޫގައި ހުރި 18 އަހަރުވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފަ އެވެ.

އަދި ހަމަ އެ މަހުގައި ހއ. މޮޅަދޫގައި ހުރި 13 އަހަރު ކުރީގެ އިންޖީނުގެވެސް ނިއްވާލައި ޒަމާނީ އިންޖީނުގެއަކުން ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.

ފެނަކައިން ބުނީ އާ އިންޖީނުގެ ތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައިވާއިރު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ތަކެއް ވެސް ހަދާފައިވާނެ ކަމަށެވެ. މީގެ އިތުރުން ޒަމާނީ އިންޖީނުގެތަކާއި އެކު މި ދެ ރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރެވިގެންދާއިރު ސައުންޑް އެޓެނުއޭޓަރު ބޭނުންކޮށްގެން އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެކަން ފެނަކައިން ބުނެ އެވެ.

ފެނަކައިން މިހާރު ހިންގަމުންދާ 150 އެއްހާ އިންޖީނުގޭގެ އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދީގެން އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެވެ.