ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ އިއްޔެ މަސްވެރިންތަކެއް މުޒާހަރާކޮށްފައިވަނީ އެކުންފުނީގެ އަގު ވައްޓާލަން ކަމަށްމާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ހިންގާ ހޮރައިޒަން ފިޝަރީޒް އިން ބުނެފި އެވެ.

ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އިހްތިޖާޖު ކޮށްފަ އެވެ. މި އިހުތިޖާހުގައި ބައިވެރި ވަނީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނެވެ. އެގޮތުން 22 ދޯންޏެއްގެ މަސްވެރިން މިކަމުގައި ބައިވެރި އެވެ.

ހޮރައިޒަން މަސް ފެކްޓަރީ ކައިރީގައި އިއްޔެ މަސްވެރިން މުޒާހަރާ ކުރަނީ

މިކަމާ ގުޅިގެން ހޮރައިޒަންއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާންދު އަށް ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އައިރު ފައިސާ ނުދައްކާ އެއްވެސް ބިލެއް ނުހުންނާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

"މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަން ފާހަގަކުރަން،" ހޮރައިޒަންއިން ބުންޏެވެ.

ހޮރައިޒުން ބުނި ގޮތުގައި މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކި ކަންކަމާ ހުރެ މަސް ގަތުމުގެ އިންތިޒާމު މިހާރަށް ވުރެ ފަސޭހަކޮށް މަސްވެރިންނަށް ހަމަޖައްސައިނުމަށް ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެެ.

"މަސްވެރިންނާއި އަދި މި އިންޑަސްޓްރީ އަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މި ކުންފުނިން، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން،" ހޮރައިޒުން ބުންޏެވެ.

ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހޮރައިޒުން ބުނީ މަސްވެރިކަމަކީ ދުނިޔޭގެ މަޝްރަހުގައި ހިނގަމުންދާ އެކި ކަންކަމަށް ބަރޯސާވެފައިވާ ސިނާއަތަކަށްވުމާ އެކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ބޭނުންކުރާ ތަކެތީގެ އަގާއި ދުނިޔޭގެ މާކެޓްގެ ވާދަވެރިކަން ވެސް ހިމެނޭ ކަމަށެވެ. އެހެންވެ މިވަގުތު ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މިކަމާ ގުޅިގެން ރާއްޖޭގެ މަހަށް ދެކޮޅު ޖެއްސޭ ފަދަ އަދަދެއް ނުލިބޭތީ މި ސިނާއަތުގައި ހިމެނޭ ރާއްޖޭގެ ޕްރައިވެޓް ކުންފުނިތައް ހިންގަން ދަތިވެފައިވާ ކަމަށް ބުންޏެވެ.

އެހެންވެ މަސްވެރިންނާ އެކީ އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ އާންމުންގެ ފަރާތުން އެ ކުންފުންޏަށް ލިބުނު ލޯބި ފަނޑުކޮށްލަން ސޯޝަލް މީޑިއާގައި އެކި ފަހަރު މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ހަގީގަތް އޮޅުވާލުމަށް ހިންގާފައިވާ އެ އަމަލަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.