ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރިމިއަމް ވިލާތަކެއް އަޅަން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މިއީ ރާއްޖޭގައި މިފަދަ ފުރަތަމަ ހައުސިން މަޝްރޫއު އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ތަރައްގީކުރުމަށް ނިންމާފައިވާ ޓުއަރިޒަމް އައިލެންޑް އާއި ދާދި ގާތުގައި ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ހަދާ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫޢުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުން ހައުސް ތައާރަފް ކުރެވޭނެ ކަމަށެވެ. މިގޮތުން ކޮންމެ ޔުނިޓެއްގައި 2،000 އަކަފޫޓު ހުންނާނެ އެވެ. އަދި މި އިމާރާތް ހުންނާނީ 1،200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ފަރުމާ ކުރެވިފަ އެވެ.

މީގެ އިތުރުން، ސެމީ ގާރޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ހިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރު، ރިކްރިއޭޝަން ސެންޓަރު، މަލްޓި ޕާޕޮސް އިވެންޓް ހޯލާއި ކޮމަރޝަލް ކޮމްޕްލެކްސްގެ ޚިދުމަތް ވެސް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ އެވެ. މި މަޝްރޫޢުއާއެކު ލަގްޒަރީ ލިވިންގް ތަޢާރަފްވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ އެވެ. އަދި ހުޅުމާލެއަށާއި ރާއްޖެއަށް އިޤްތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުންކުރާނެ އެވެ.

ބެޗް ކޮންސްޓްރަކްޝަންއަކީ އެ ކުންފުނިން ހިންގާ ކޮންމެ މަޝްރޫއުއެއްގައި ވެސް އެންމެ ތަޖުރިބާކާރު މުވައްޒަފުން މަސައްކަތް ކުރާ, ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖުމްލަ 220 މިލިއަން ދިވެހި ރުފިޔާގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކޮންސްޓްރަކްޝަން ކުންފުންޏެވެ.

އެ ކުންފުނީގެ ތާރީހަށް ބަލާލާއިރު އެންމެ ދިގު މަޝްރޫއުއެއް ނިންމާލުމަށް މިހާތަނަށް ބެޗް ކޮންސްޓްރަކްޝަންއިން ހޭދަކޮށްފައިވާ އެންމެ ދިގު މުއްދަތަކީ 20 މަސް ދުވަސް ކަން ފާހަގަކޮށްލަންޖެހެ އެވެ. މި ފަދަ ތަފާސް ހިސާބުތަކުން ހޯދާފައިވާ އިތުބާރާއިއެކު މިއަދު ސޮއިކުރެވިގެންދާ އަސޭރިއާ މަޝްރޫޢުއަކީ ހުޅުމާލެއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއެކެވެ.