Advertisement

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް އިނގިރޭސި ރައްޔިތެއް

FacebookTwitterWhatsAppTelegramViber

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓްއާޒް އައްޔަންކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ، ގޯޑަން އަކީ އޭވިއޭޝަން ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ. އެގޮތުން، އޭޝިއާ، މެދުއިރުމަތި، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި އޭނާ މަސައްކަތްކުރައްވާފައިވާކަން އެމްއޭސީއެލް އިން ފާހަގަކޮށްފައިވެ އެވެ.

"އޭގެ ތެރެއިން 20 އަހަރު އޭނާ މަސައްކަތްކުރައްވާފައި ވަނީ، އެގްޒެކްޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަކުގަ އެވެ،" އެމްއޭސީއެލްގެ ސާކިއުލާއެއްގައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ، ގޯޑަން ކުންފުންޏާ ގުޅޭނީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ފަހު ކަމަށެވެ.

މި ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް އެމްއޭސީއެލް އަށް ދާއިމީ މެނޭޖިން ޑިރެކްޓަރަކު މިހާތަނަށް އައްޔަންކޮށްފައެއް ނުވެ އެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ނެރޭ ކުންފުނި މިދިޔަ ދުވަސްތަކުގައި ހިންގާފައި ވަނީ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް އެވެ.

ސީއީއޯ އަކާއި ސީއޯއޯއެއް ހިމެނޭ މެނޭޖުމަންޓް ޓީމަކާ އެކު އެމްއޭސީއެލް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފަ އެވެ. ރައީސް އޭރު ވިދާޅުވި ގޮތުގައި، އެއާޕޯޓަކީ ޓެކްނިކަލް އެތައް މަސައްކަތްތަކެއް ކުރާ ތަނެއްގެ އިތުރުން، ވިޔަފާރި ވެސް ކުރާ ތަނެކެވެ. އެހެންކަމުން، އެ ކަންކަމަށް ބިނާކޮށް، އެމްއޭސީއެލް އަށް ސީއީއޯ އަކާއި ސީއޯއޯއެއް ހިމެނޭ ގޮތަށް މެނޭޖުމަންޓް ޓީމެއް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިދިޔަ ސަރުކާރުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވި އާދިލް މޫސާ ނޮވެމްބަރު 2018 ގައި އިސްތިއުފާ ދެއްވުމާ އެކު، އެކްޓިން މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުންފުނި މިހާތަނަށް ހިންގަވާފައިވަނީ މޫސާ ސޯލިހް އެވެ. ރައީސް ސޯލިހްގެ ބޭބޭފުޅާ އެ މަގާމު ހަވާލުކުރެއްވިއިރު، އޭނާ ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން ޓެކްނޮލޮޖީގެ މަގާމުގަ އެވެ.

އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެވެ. އެގޮތުން، އެ ކުންފުންޏަށް މިދިޔަ 2018 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމަށް ސަރުކާރުން ހިންގާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއު ބަލަހައްޓަނީ ވެސް އެމްއޭސީއެލް އިންނެވެ. މި ބިޔަ މަޝްރޫއުގެ ދަށުން، 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އާ ރަންވޭއެއް ހެދިއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައް ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ. ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ މި މަޝްރޫއު އަށް އެމްއޭސީއެލް އިން ވެސް ހަރަދު ކުރެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top