މިދިޔަ އަހަރާ އަޅާބަލާއި މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.

މިދޔަ އޮކްޓޫބަރު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރެވެ. އިންޑިއާއިން 681 މިލިޔަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިތުރުކޮށްފަ އެވެ. އޮމާންއިން 513 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން 510 މިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މީގެ އިތުރުން ޗައިނާއިން 462 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި ޔޫއޭއީން 490 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން 219 ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 186 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 15 އިންސައްތަ ދަށްވުމެކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާއިރު ތައިލޭންޑް، ޖަރުމަނުވިލާތް، މޮރިޝަސް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް ހިމެނެ އެވެ.

ފާއިތުވި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އޮކްޓުބަރުމަހާ އަޅާބަލާއިރު 24 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހު 294 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޫބަރުމަހު މި ޢަދަދުވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.