Advertisement

ޓެކްސް ނަގަން ފެށުމުގެ ކުރިން ރަން ގަންނަން ސައުދީގެ ވިޔަފާރިވެރިން ކިއުގައި

FacebookTwitterWhatsAppTelegramViber

ސައުދީއަރަބިޔާގައި މިއަންނަ ހަފްތާއިން ފެށިގެން 15% ގެ ޓެކްސް ނަގަން ނިންމާފައިވާތީ އޭގެ ކުރިން ރަން ގަންނަން ބޭނުންވާ އިންވެސްޓަރުންގެ އަދަދު ގިނަވެ ރަނުގެ ވިޔަފާރި ކުރިއަށް ޖެހިލައިފި އެވެ.

ރިޔާދްގެ ދިރިޔާގައި ހުންނަ ގޯލްޑް ސޫގް ދާދިފަހުން އަލުން ހުޅުވާފައިވާ އިރު ، ގަހަނާ ވިއްކާ ފަރާތެއް ކަމަށްވާ ޔާސީން އަލީ ބުނެފައިވާ ގޮތުން ވިޔަފާރިކުރަން އަންނަ މީހުންގެ އަދަދު ވަނީ ޕެންޑެމިކްގެ ކުރީގެ އަދަދާ ގާތްގަނޑަކަށް އެއްވަރުވެފަ އެވެ.

"މި ހަފްތާގައި ވިޔަފާރި މިހާ ރަނގަޅުވާނެ ކަމަކަށް އުންމީދެއް ނުކުރަން،" އޭނާ ބުންޏެވެ.

އަލީ އިތުރަށް ބުނިގޮތުގައި ރަނުގެ މާކެޓް މިހާބޮޑަށް ހިލުވާލާފައި މިވަނީ ކާފިއު އުވާލުމާއި އަދި ޖުލައި 1ކުން ފެށިގެން ޓެކްސްގެ ރޭޓް 15% އަށް ބޮޑުކުރަން ނިންމުމާއި ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްއާއި އެކު މުޅި ދުނިޔޭގެ ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކަށް ނޭދެވޭ އަސަރުކޮށްފައިވާއިރު ގަހަނާގެ ވިޔަފާރިވެސް ވަކި އިސްތިސްނާއެއް ނުވި އެވެ. އެގޮތުން ވޯލްޑް ގޯލްޑް ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރަނުގެ ގަހަނާއަށް އޮންނަ ޑިމާންޑްވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 36% ދަށްވެފަ އެވެ.

އެހެން ނަމަވެސް މާކެޓްގެ މި ނާޒުކު ހާލަތުގައި ރައްކާތެރި އިންވެސްޓްމެންޓެއްގެ ގޮތުގައި ރަން ބެލެވިފައި ވާތީ އިންވެސްޓްމެންޓް ރަނަށް އޮންނަ ޑިމާންޑް ދަށަށް ގޮސްފައެއް ނުވެ އެވެ ދަށަށް ގޮސްފައިވަނީ ރަނުން ހަދާ ގަހަނާގެ ވިޔަފާރި އެވެ. ސަބަބަކީ އާންމުގޮތެއްގައި ރަން ގަހަނާ ބޭނުންވާ ކައިވެނީގެ ހަފްލާ ތަކާއި އެހެނިހެން ހަފްލާތައް ބޭއްވުން ހުއްޓާލާފައި އޮތުމެވެ.

ރިޔާދްގެ ގަހަނާ ވިއްކާ ފަރާތެއް ކަމަށްވާ އިބްރާހިމް އަވަދް ބުނި ގޮތުގައި މި ހަފްތާގައި މާކެޓަށް ކުރިއެރުމެއް އައިސްފައި ވީ ނަމަވެސް ފުރަބަންދުގެ ކުރިންހާ ވިޔަފާރި ރަނގަޅުނޫން ކަމަށެވެ.

"މި ހަފްތާގައި ރަނުގެ މާކެޓަށް ވަރަށް ގިނަ ކަސްޓަމަރުން ޒިޔާރަތްކުރި. އެހެން ނަމަވެސް އަހަރުގެ ކުރީކޮޅާއި އަޅާބަލާއިރު ވިޔަފާރި އަދިވެސް ވަރަށް ދަށް،" އޭނާ ބުންޏެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްގެ އިތުރުން ތެލުގެ އަގު ދަށްވުމާއި ގުޅިގެން ސައުދީ އިން މިވަނީ ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި މުދަލުން ނެގޭ ޓެކްސްގެ އަދަދު ޖުލައި މަހުގެ 1 ކުން ފެށިގެން ތިން ގުނަ ބޮޑު ކުރަން ނިންމާފަ އެވެ. މި ޑެޑްލައިންގެ ކުރިން ރަން ފަދަ ބޮޑެތި ރީޓެއިލް މުދާ ގަންނަ މީހުންގެ އަދަދު އިތުރުވެފައިވާއިރު ޑެޑްލައިންގެ ފަހުން މިފަދަ މުދާ ގަންނަން ލިބޭނީ އަގުބޮޑުކޮށެވެ.

ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ދުނިޔޭގެ ރަން އިންވެސްޓަރުން ރަން ގަންނަ މިންވަރު ކުރިއަށްޖައްސާލާފައި ވާއިރު، ބޮޑެތި އިގްތިސާދުތަކުން ކޮރޯނާވައިރަސްގެ ދެވަނަ ރާޅުގެ ބިރާއި އެކީ ފިޒިކަލް ރަނާއި މި އަގުހުރި މައުދަނަށް އަމާޒުކުރެވިފައިވާ އެކްސްޗޭންޖް-ޓްރޭޑްޑް ފަންޑު ގަތުމަށް ދަނީ ބާރުއަޅަމުންނެވެ.

-އަރަބްނިއުސް

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top