ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މިފެއާ ކުރިއަށް ދަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގަ އެވެ.

އެޗްޑީސީއިން ބުނީ މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިއްމު މައުލޫމާތާއި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތުގެ އިތުރުން ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެޗްޑިސީ އިން ބުނެ އެވެ.

އެގޮތުން މިލަކީ ޑްރޯޔަކުގައި ބައިވެރިވެގެން ލިބޭ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗް، 300 ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓާ، އަދި 1000 ރުފިޔާގެ އަގު ހުރި ފަސް ވައުޗާ ހިމެނެ އެވެ.

ސްމާޓްކޮމް އަދި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކު ޚިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް އެޗް.ޑީ.ސީން ދަނީ ބާއްވަމުންނެވެ.