ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސްއަށް ބަދަލު ގެންނަން މަޖިލީހުން ފާސްވެގެން ދިއުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޓެކްސްއަށް ބަދަލު ގެންނަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން ފިނޭންސް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިގްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައިވާ ކަމަށެވެ. އެގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. މަޖިލީހުން ފާސްކުރީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީ ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.