Advertisement

ރާއްޖޭގައި 105 ދުވަސް ހޭދަ ކުރުމަށް ފަހު ފުރި އިންޑިޔާ ދެމަފިރިންގެ ވާހަކަ

FacebookTwitterWhatsAppTelegramViber

ދުބާއީ ގައި ދިރިއުޅޭ އިންޑިއާއަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ރިއާ އަދި ރޯހަން ބާޓިއާ، ރާއްޖެއަށް ހަނީމޫނަށް އަންނަން ފުރީ މާޗް މަހުގެ 13 ވަނަ ދުވަހުގަ އެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ހިމެނޭހެން ގިނަ ގައުމުތައް ފުރަބަންދުކުރުމުގެ ސަބަބުން މިވަނީ 3 މަހަށްވުރެ ގިނަ ދުވަސްވަންދެން ރާއްޖޭގައި ތާށިވެފައި ތިބެންޖެހިފަ އެވެ.

ގަލްފް ނިއުސް އަށް ދިން އިންޓަވިއުއެއްގައި މި ދެމަފިރިން ބުނެފައިވާ ގޮތުގައި އެނބުރި ދުބާއީ އަށް ދެވިފައިވަނީ ރާއްޖޭގައި ތިބޭތާ 105 ދުވަސް ފަހުން ބިޒްނަސް ޗާޓަރު ފްލައިޓެއްގައި މުމްބާއީ މަގުން ކަމަށާއި އެ ފްލައިޓުން 12 މީހުން ދަތުރުކުރި ކަމަށެވެ.

"ރާއްޖޭގައި މަޑުކުރި ކޮންމެ ދުވަހަކާއި އެކު އަހަރެމެންނަށް ބުރަ ބޮޑުވެފައިވާތީ މުމްބާއީ އަށް ޑައިރެކްޓް ފްލައިޓެއްގައި ދިޔައީ ޖޫން މަހުގެ 11 ވަނަ ދުވަހު. އަދި އޮންނަ އުސޫލުގެ ދަށުން 14 ދުވަހަށް ކަރަންޓީނު ވުމަށްފަހު ޔޫއޭއީ އަށް އެނބުރި މިއައީ މިދިޔަ ބުރާސްފަތި ދުވަހު ބިޒްނަސް ފްލައިޓެއް ޗާޓަރުކޮށްގެން." ޓްރޭޑް ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރޯހަން ބުންޏެވެ.

ރޯހަން ބުނެފައިވާ ގޮތުގައި މި ދަތުރުގައި ގިނަ ގޮންޖެހުންތަކަކާއި ދިމާވި ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް، ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ބޯޓުތައް ހަމަޖެއްސި ނަމަވެސް އަހަރެންގެ އަންހެނުންނަކީ ކެނެޑާގެ ޕާސްޕޯޓު އޮންނަ މީހަކަށް ވުމުން އޭގެއިން ދެވޭ ގޮތެއް ނުވި. އެހެންވެ މަޑުކޮށްގެން ތިބުމަށްފަހު ހުއްދަ ލިބުމާއި އެކީ އަހަރެން ނިސްބަތްވާ ސިޓީ ކަމަށްވާ މުމްބާއީ އަށް ޑައިރެކްޓް ފްލައިޓްއެއްގައި ދިޔައީ،" ރޯހަން ބުނެޏެވެ.

އެއަށްފަހު އިންޑިއާގައި ކަރަންޓީނުގައި ހޭދަކުރި ދުވަސްތަކުގައި ޔޫއޭއީ އަށް ދިއުމަށް މަގެއް ފެނޭތޯ ކުރި މަސައްކަތުން އެނގިގެންދިޔަ ގޮތުގައި އެމީހުން ފަދައިން އެތައް މީހުންނެއް މުމްބާއީގައި ތާށިވެފައި ތިއްބެވެ.

"އަހަރެމެންނަށް އެނގުނު ގޮތުގައި ޔޫއޭއީގެ ބިޒްނަސް ޗާޓަރު ފްލައިޓްތަކުގައި އިންޑިޔާގައި ތިބި އެގައުމުގައި ދިރިއުޅޭ މީހުން އަނބުރާ ގައުމަށް ގެނޭ. އެކަމަކު އަހަރެމެންނަށް އެނގިގެން ދިޔަ އެކަނި މިކަމެއް ނުވާނެ ކަން. އެހެންވެ މިކަމަށް ޝައުގުވެރިވާ އެހެން މީހުން ތިބިތޯ ބެލުމަށް ސޯޝަލް މީޑިއާގައި ގްރޫޕެއް ހެދީ. ކުޑަ އިރުކޮޅޭއްގެ ތެރޭގައި އެ ގްރޫޕްގައި 200 މީހުން ޖޮއިންކުރި . އެހެން ނަމަވެސް މި ހިޔާލާއި އެއްބައިވީ މަދު ބައެއް. 14 މީހުންގެ ޖާގައިގެ ބިޒްނަސް ޗާޓާއެއް ގެނެއުމަށް އިތުރު 12 މީހުން ބޭނުންވި. ފަހުން އެ މީހުންވެސް އޯކޭ ވި،" ރޯހަން ބުންޏެވެ.

ރޯހަންގެ ދެމަފިރިން ބުނެފައިވާ ގޮތުގައި ޓިކެޓް ލިބުނީ ވަރަށް އަގުބޮޑުކޮށް ކަމަށާއި ބޮލަކަށް 3000 އަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ.

"އަހަރެމެންނަށް އެންމެ މުހިއްމުވީ އެނބުރި ގެއަށް އައުން،" ރޯހަން ބުންޏެވެ.

މި ދެމަފިރިން ހަނީމޫންގައި ތާށިވި ވާހަކަ އެންމެ ފުރަތަމަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ގަލްފް ނިއުސް އިން ރިޕޯޓު ކުރުމާއި އެކީ ގާތްތިމާގެ މީހުންވެސް ބުނަމުން ދިޔައީ ހުވަފެނީ މަންޒިލެއްގައި ނިމުމެއް ނެތް ހަނީމޫނެއްގައި ތިބެންޖެހުމުން އެމީހުންގެ ނަސީބުރަނގަޅު ވާހަކަ ކަމަށް ރިޔާ ބުންޏެވެ. އަދި ރާއްޖޭގައި ކޮރޯނާވައިރަސްގެ ކޭސްތައް މަދުވުމަކީ ވެސް އެމީހުންގެ ނަސީބެއް ކަމުގައި ބުނި ކަމަށެވެ.

"އެކަމަކު ހަގީގަތަކީ ހަނީމޫން ނިމުނު ފަހުން އެތައް ޒަމާނެއް ވެއްޖެ ހެން އިހުސާސު ކުރެވެނީ . އެނބުރި ގައުމަށް ދިއުމަށްވެސް ބިރުގަނެފަ ތިބީ، " އެ ތަޖުރިބާ ހިއްސާކުރަމުން ރިޔާ ބުންޏެވެ.

މި ދެމަފިރިން ތިބި ރިސޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް އެއްކޮށް މެދުކަނޑާލި އެވެ. ރިޔާ ބުނި ގޮތުގައި ބީޗްއަށް ގޮސްގޮސް ބީޗްމަތިންވެސް ފޫހިވި ކަމަށެވެ. އަދި ބޭނުންވީ ވީހާވެސް އަވަހަށް އެނބުރި ގައުމަށްގޮސް އާއިލާއާއި އެކުގައި ވަގުތު ހޭދަކުރަން ކަމަށެވެ.

ދެމަފިރިންވެސް މިހާރު ތިބީ އެނބުރި ގެއަށް އާދެވުމުން ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި އާދެވުމާއި އެކީ ކޮރޯނާ ވައިރަސް އަށް ކުރި ޓެސްޓުން ދެމީހުންވެސް ވަނީ ނެގެޓިވް ވެފަ އެވެ.

-ގަލްފް ނިއުސް

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top