ރާއްޖެގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކު(އާރްޓީއެލް) ފެރީގެ ހިދުމަތް ޅ. އަތޮޅަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީގެ ހިދުމަތް ޅ. އަތޮޅުގައި ދިނުމަށް ބޭނުންވާ ފެރީތައް މިހާރު އެ އަތޮޅަށް ފޮނުވާފައިވާ ކަމަށެވެ.

މާދަމާއިން ފެށިގެން އެ އަތޮޅުގައި ފެރީގެ ހިދުމަތުގެ ޓެސްޓް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން ހަފްތާއެއްހާ ދުވަހު މިޓެސްޓް ދަތުރުތައް ކުރަން ހަމަޖެހިފައިވާއިރު އެ ދަތުރުތަކުގައި ދަތުރުވެރިން އަތުން އެއްވެސް އަގެއް ނުނަގާނެ އެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ދަތުރުތައް ކުރިއަށް ގެންދާނީ ތިން ރޫޓަކުންނެވެ.

މި ފެރީތަކުގައި ދަތުރުކުރުމަށް ރިޒަވޭޝަން ހެއްދޭނީ އެ ރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ. ކޮންމެ ރަށަކަށް ދިނުމަށް ހަމަޖެހިފައިވަނީ 8-12 ސީޓެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގެ އިތުރުން ށ. އަތޮޅުގައި ވެސް ފަށާފަ އެވެ.

މި މަސައްކަތުގެ ދަށުން ޒޯން އެކެއް ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި މި ހިދުމަތް ވަނީ ގާއިމުކޮށްފަ އެވެ. އަދި ޒޯން ދޭ ގެ ފުރަތަމަ އަތޮޅުގައި ހިދުމަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.