ވޯލްޑްކަޕްގެ ކޮންމެ މެޗަކުން ރިސޯޓުތަކުގެ ކޮންމެ ރޫމަކުން އެއް ޑޮލަރުގެ ފީއެއް ޗާޖުކުރަން މީޑިއާ ނެޓުން ނިންމައިފި އެވެ.

މީޑިއާ ނެޓުން ބުނީ ވޯލްޑް ކަޕްގެ މެޗުތައް ޓޫރިސްޓް ހޮޓާތަކާއި ރިސޯޓުތަކުގައި ދެއްކޭނީ އެ ކަމަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ޕެކޭޖެއް ނަގައިގެން އެކަނި ކަމަށެވެ.

ރިސޯޓުތަކާއި ހޮޓާތަކުގައި ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެގޮތުން މި ޕެކޭޖަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިހާރު ވަނީ ހުއްދަ ދީފަ އެވެ. އެ ޕެކޭޖުގެ ދަށުން، ކޮންމެ މެޗަކަށް ކޮންމެ ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން ،އެވްރެޖުކޮށް %65-75 އޮކިއުޕެންސީއަށް ބިނާކޮށް އަގު ދައްކަން ޖެހެ އެވެ.

މިކަމާގުޅިގެން މަޓީންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ރިސޯޓްތަކާއި މީޑިއާނެޓާ އެކު ހަދާފައިވާ އެގްރިމެންޓާ ވެސް ހިލާފު ކަމެއް ކަމަށް މަޓީން ބުނެ އެވެ. މި މައްސަލަ މަޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ހުށަހަޅައިފައި ކަމަށާއި ނަމަވެސް އެ ކޮމިޝަނުން ޖަވާބެއް ނުދިން ކަމަށް މަޓީން ހާމަކުރެ އެވެ.

ރިސޯޓްތަކުގެ ކޮޓަރިތަކުން ނިސްބަތުން ބޮޑުއެއްޗެއް ޗާޖްކުރާއިރު، ރިސޯޓްގައި ތިބޭ މުވައްޒަފުންނަށް ވޯލްޑް ކަޕް ދައްކަން 5،000 ޑޮލަރު ވެސް ޗާޖް ކުރާ ގޮތަށް ވަނީ ނިންމައި، އެކަންވެސް ވަނީ ރިސޯޓްތަކަށް އަންގާފަ އެވެ.