މަސް ދޯނިފަހަރުގައި ލޮނުފެނުގައި މަސްފިނިކުރާ ނިޒާމުގެ ޑިއުޓީ މައާފްކުރަން ސަރުކާރުން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރެފްރިޖަރޭޓަޑް ސީ ވޯޓާ ސިސްޓަމް (އާރުއެސްޑަބްލިޔު ސިސްޓަމް) ގާއިމުކުރުމަށް ރާއްޖެއަށް އެތެރެކުރާ އާރުއެސްޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މައާފުކުރުމަށް ނިންމީ އެކި ފަރާތްތަކުން އެކަމަށް އެދެމުން އަންނާތީ ކަމަށެވެ.

"އާރުއެސްޑަބްލިއު ސިސްޓަމަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދިނުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ގިނަ ވަގުތައް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ނިޒާމަކަށްވާތީވެ، މަސްވެރި އުޅަނދުފަހަރުގައި ގާއިމުކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރާ މިފަދަ ސިސްޓަމްތަކަށް ޑިއުޓީ މައާފުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ." އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އާރުއެސްޑަބްލިއު ސިސްޓަމްގެ ޑިއުޓީ މައާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ހަމަޖެހިފައިވާ އުސޫލުން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ދޫކުރާ ޑިއުޓީ މައާފު ކުރުމަށް އެދޭ ފޯމް ފުރިހަމަ ކޮށް، އިންވޮއިސްގެ ކޮޕީއަކާއެކު އެމިނިސްޓްރީއަށް ހުށަހެޅުއްވުމުން އާރުއެސްޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މައާފުކުރެވޭނެ ކަމަށެވެ.