އިނގިރޭސިވިލާތުގެ އެންމެ ވަރުގަދަ އެއް ބައިނަލްއަގުވާމީ އެއާލައިން، ވާޖިން އެޓްލާންޓިކް އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ވާޖިން ގްރޫޕާއި އެމެރިކާގެ ޑެލްޓާ އެއާލައިން އިން ހިންގާ ވާޖިން އެޓްލާންޓިކް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަންނަ އަހަރުން ފެށިގެން ފިނިމޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ކުރަން އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.

ވާޖިން އެޓްލާންޓިކް ދަތުރުކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް، ލަންޑަން ހީތްރޯއިން ރާއްޖެއަށް ހަފުތާއަކު ތިން ފަހަރު އެވެ. ޓިކެޓް ވިއްކަން މިމަހުގެ 30 ވަނަ ދުވަހު ފަށާއިރު ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

"ރާއްޖެއަކީ އަބަދުވެސް ވާޖިން އެޓްލާންޓިކް ހޮލިޑޭސްގެ ކަސްޓަމަރުންނަށް ވަރަށް މަގުބޫލު މަންޒިލެއް. އެހެންވެ ވާޖިން އެޓްލާންޓިކް އެއާކްރާފްޓްގެ ސްޓައިލްގައި އެ ހިތްގައިމު ތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ދޭން ކެތް މަދުވެފައި މިތިބީ،" އެ އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޯއިން 787-9 މަރުކާގެ ބޯޓެވެ. މި ބޯޓެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިވަގުތު ސީދާ ދަތުރުކުރަނީ އެ ގައުމުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އެކަންޏެވެ.

އެ އެއާލައިނުން ވެސް ރާއްޖެއަށް ދަތުރުތައް ކުރަނީ ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށެވެ. އަހަރުގެ އެހެން ދުވަސްތަކުގައި ރާއްޖެއަށް ޓިކެޓް ވިއްކަނީ ކޯޑްޝެއާ ޕާޓްނަރު، ގަތަރު އެއާވޭސް އިން ދަތުރުކުރާ ގޮތަށެވެ.