Advertisement

ކުޑަހުވަދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ހުއްދަ އަށް އެދިއްޖެ

FacebookTwitterWhatsAppTelegramViber

ދ. ކުޑަހުވަދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

"ދަ ރޯލް އޮފް އެއާލައިންސް އެންޑް އޭވިއޭޝަން އިން ދަ ނިއު ރިއަލިޓީ އެންޑް އިން ރީ-ސްޓާޓިން ޓޫރިޒަމް" ގެ ނަމުގައި އިއްޔެ ކުރިއަށް ދިޔަ ވެބިނާއެއްގައި ވާހަކަ ދައްކަވަމުން ދ. އެއާޕޯޓް މެނޭޖްކުރާ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ، އެ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހަލީލް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އޭވިއޭޝަން ދާއިރާ އަށް ކުރިމަތިވެފައިވާ ހީނަރުކަން އެހާ އަވަހަށް ފިލައިގެން ގޮސް އެކަމުން އަރައި ނުގަނެވޭނެ ކަމަށެވެ. އެހެންކަމުން، މިއީ ކުރިން ރާވާފައިވާ ޕްލޭންތަކާއި ސްޓްރެޓެޖީތައް ބަދަލުކޮށް، އާ ގޮތްތައް ހޯދަން ޖެހިފައިވާ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތައް މީގެ ތެރެއިން އިސްތިސްނާ ނުކޮށް، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މިހާރު ސްޓްރެޓެޖީތައް ބަދަލުކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެގޮތުން، ސްރީލަންކާ އަދި އިންޑިއާއާއެކު "ޓްރެވަލް ބަބްލް"އެއް ގާއިމްކޮށް، ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެވިދާނެކަން ހަލީމް ފާހަގަކުރެއްވި އެވެ. ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުގެ ބަދަލުގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކޮށް، އެ އެއާޕޯޓަކާ ކައިރި ރިސޯޓް ނުވަތަ ގެސްޓްހއުސްތަކަށް ފަތުރުވެރިންނަށް އާދެވޭނެ އިންތިޒާމް ހަމަޖެހުމަކީ ކުރިއަށް އޮތް ތަނުގައި މުހިންމު ކަމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބަލަންޖެހޭ އިތުރު ރީޖަނަލް އެއާޕޯޓްތައް، އެއް ގައުމުން އަނެއް ގައުމަށް ގުޅާލެވޭނެ މަގެއް ހޯދުމަށް. މިގޮތަށް މިކަން ކުރެވިއްޖެ ނަމަ މައި އެއާޕޯޓްގެ ލޯޑް ކުޑަވެ، ޑޮމެސްޓިކް އެއާޕޯޓް އޮންނަ ސަރަހައްދުތަކުގެ ކޮމިއުނިޓީއަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ދ. އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކޮށްފައިވަނީ އިންޓަނޭޝަނަލް ފެންވަރަށް ކަމަށެވެ. އެހެންކަމުން، ދ. އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ހަމައެކަނި ޖެހެނީ ހުއްދަތައް ނަގައި ފެށުމަށް ކުރަންޖެހެނީ ވަރަށް ކުޑަ މަސައްކަތެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކަރުން ވިޔަފާރިތަކަށް ދީފައިވާ ލުއިތަައް ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، އޭވިއޭޝަން ދާއިރާއަށް އެ ލުއި ލިބިފައި ނުވާ ކަމަށާއި އެމްއޭސީއެލް އިން މިކަމާ ކުރިއަށް އޮތް ތަނުގައި ވިސްނައި ލުއިތަކެއް ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، މަންޓާ އެއާގެ ހިދުމަތް ބޮޑަށް ފެށީ އޭވިއޭޝަންގެ ވިޔަފާރިއެއްގެ ގޮތުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި ހޮސްޕިޓާލިޓީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ތަނުގައި މަންޓާ އެއާ އަކީ ރާއްޖޭގެ ލީޑިން ލަގްޒަރީ ޑޮމެސްޓިކް އެއާލައިން އަށް ހެދުން ކަމަށް ހަލީލް ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ އެއާޕޯޓަކީ ރާއްޖޭގައި މިހާތަނަށް ޖާގައިގެ ގޮތުން ބަލާނަމަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޑޮމެސްޓިކް އެއާޕޯޓެވެ. 1800 މީޓަރުގެ ދިގު ރަންވޭ އަކާއެކު ހަދާފައިވާ މި އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ޕްރައިވެޓް ޖެޓް ޕާކްކުރެވޭ ސަރަހައްދަކާ އެކުގަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top