މިއަހަރުގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް މަންޓާ އެއާއިން އިތުރު ސީޕްލޭނެއް ގެންނަން ނިންމައިފި އެވެ.

މަންޓާ އެއާއިން އަލަށް ގެންނަނީ ވެސް މިހާރު ބޭނުންކުރާ ޑި ހެވިލަންޑް ޑީއެޗްސީ - 6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މިއީ މަންޓާއިން މިއަހަރު ރާއްޖެ ގެންނަ ހަތަރު ވަނަ ސީޕްލޭނެވެ. އަދި އިތުރު ފަސް ބޯޓު އަންނަ އަހަރު ގެންނަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަލަށް ގެންނަ ބޯޓު މިހާރު ވަނީ އެމެރިކާގެ ފްލޮރިޑާއިން ފުރައިފަ އެވެ. އަދި އެ ބޯޓު މި ހަފުތާގެ ތެރޭގައި އެ ބޯޓު ރާއްޖެ އަންނާނެ ކަމަށް ވެސް އެ ކުންފުނިން ލަފާކުރެ އެވެ. މި ބޯޓު ރާއްޖެ ގެނެސް ދެ ކަނދު ހަރުކުރުމަށް ދ. ކުޑަހުވަދޫގައި އޮންނަ ސީޕްލޭން ބޭސްއަށް ގެންދާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭން ފެށި އަމިއްލަ އެއާލައިނުން ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ސީޕްލޭން ގެނެސްފަ އެވެ. މިގޮތުން ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން މަންޓާއިން މިހާރު 15 ސީޕްލޭން ބޭނުންކުރެ އެވެ.

އެ ކުންފުނިން ސީޕްލޭންގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން އޭޓީއާރު 600 -72 މަރުކާގެ ތިން ބޯޓު އަދި 19 ސީޓްގެ ބީޗް ކްރާފްޓް މަރުކާގެ ބޯޓެއް ވެސް ބޭނުންކުރެ އެވެ.