ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕަސެންޖަރު ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.

"ޕަސެންޖަރު ޓާމިނަލުގެ މަސައްކަތްވެސް އޮތީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު، އެއްކޮށްހެން ހުއްޓިފައި. އަޅުގަނޑުމެން ޖެހުނީ ފަންޑިން އޭޖެންސީތަކާއި ވާހަކަދައްކައިގެން އިތުރަށް ސޮއިކޮށްގެން އެ މަސައްކަތް ފަށަން. އެތަނުގެ މަސައްކަތް ވެސް އަންނަ އަހަރު ނިމިގެންދާއިރު ނިމިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓާމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އިމާރާތް ޑިޒައިންކުރުމުގައި ޓެކްނިކަލް ގޮތުން ދިމާވި އެކި ކަހަލަ ގޮންޖެހުންތަކާއި، ޕްރޮޖެކްޓަށް ފައިނޭންސް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔަ ކަމަށް ވެ އެވެ.

މި ޓާމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓާމިނަލެކެވެ. ވީއައިއޭގައި މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެކެވެ. އެހެންނަމަވެސް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްގީކުރާ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރާ ޓާމިނަލެކެވެ.