މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ކުރިއަށްގެންދާ "ކަނޑުފަޅު ނަފާ" ލޯނު ޕްރޮގްރާމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނާއި އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް "ކަނޑުފަޅު ނަފާ" ލޯނު ޕްރޮގްރާމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ މިފިޔަވަހީގައި ޖުމްލަ 34 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު މަދުވެގެން 68 ދޯނީގައި މިނިޒާމު ގާއިކުމުރެވިގެންދާނެ އެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށްފަހުކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ވެގެން ފަސް ލައްކަ ރުފިޔާ ދޯންޏަކަށް ދޫކުރެވިގެންދާއިރު މި ފައިސާއިން ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލު ކުރަންޖެހެ އެވެ.

"ކަނޑުފަޅު ނަފާ" ލޯނު ޕްރޮގުރާމަކީ ހަ އަހަރު ދުވަހަށް ދޫކުރާނެ ލޯނު ސްކީމެކެވެ. މިއީ ހަ އިންސައްތަ އިންޓްރެސްޓު ރޭޓްގައި ދޫކުރާ ލޯނެކެވެ.

ފައިސާ އަނބުރާ ދައްކަން ފަށަންޖެހޭ މުއްދަތަކީ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހެވެ. މި ލޯނަށް އެދޭ ފަރާތުން ލޯނު ހޯދުމަށް ރަހުނެއްގޮތުގައި އެއްވެސް އެއްޗެއް ބަހައްޓާކަށް ނުޖެހޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ލޯނަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެތެރޭގައި، ސިސްޓަމް ހަރުކުރުމަށް ހުށަހަޅާ ދޯންޏަކީ މަދުވެގެން 6 މަސް ދުވަހު މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ސައްހަ މަސްވެރިކަމުގެ ލައިސަންސް އޮތް ދޯންޏަކަށްވުން ހިމެނެ އެވެ.

މިލޯނަށް އެދި ހުށަހަޅަންޖެހެނީ، އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ ލޯނުގެ އުސޫލު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.