ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ ރިޒާވުގައި މިހާރު ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ ލަފާކޮށް ހުށަހެޅި ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ހަފުތާތަކުގައި ދައުލަތުން ދައްކަން ހުރި ފައިސާ ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑު ފާހަގަކުރަން ޖެހޭ ނުކުތާއެއް އެބަވޭ. އެއީ، ދިވެހި ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާހުރި މިންވަރު. މިވަގުތު ދިވެހި ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްފައި ފައިސާހުރީ މަދުން" ނަޝީދު ވިދާޅުވި އެވެ.

ސްރީލަންކާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށްފަހު ގާނާ ސަރުކާރާއެކު މަސައްކަތް ކުރެއްވި ކަމަށާއި އެ ދެ ގައުމުވެސް ދިޔައީ "ބަނގުރޫޓުގެ މަގަށް" ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މަގަށްދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށްވެސް ވަރަށް ބޮޑު ލަދުވެތި ކަމަކަށޭ ވެގެން ދާނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެމަގަށް ދިޔަދީގެން ނުވާނެ ކަމަށާއި މިވަގުތު ދައުލަތުގެ މާލިއްޔަތު ހުރި ގޮތް ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ މައުލޫމާތު އާންމުކޮށް އެނގެންޖެހޭ ކަމަށް ވިދާޅުވި އެވެ.