ގިނަ ބަޔަކު އިންތިޒާރު ކުރާ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ހުރިހާ މެޗުތަކެއް ދިރާގު ޓީވީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ލައިވްކޮށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ވޯލްޑް ކަޕް ދެއްކުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޕީއެސްއެމްގެ ޔެސް ޓީވީ (ޗެނަލް 8) އަދި ރާއްޖެ ޓީވީން (ޗެނަލް 6) އެޗްޑީކޮށް ވޯލްޑް ކަޕްގެ މެޗުތައް ދިރާގުޓީވީ ފެންނާނެ ކަމަށެވެ.

ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންޓެންޓް ރައިޓްސް ދިރާގަށް ލިބިފައިވާ ގޮތުން މިމެޗުތައް ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ނުފެންނާނެ އެވެ.

ދިރާގުގެ އަމާޒަކީ މިއަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޓީވީގެ ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމެވެ.