ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓާކާޑާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.

މީގެ ސަބަބުން މާސްޓަކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަޝިޕް އެޗްޑީސީއަށް ލިބޭނެ އެވެ.

ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތައުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ ތިން އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށް ވުރެ ގިނަ ކޮމިއުނިޓީތައް ހިމެނެ އެވެ. ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރަށްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ނެޓުވޯކުގެ މެމްބަރަކަށް ވުމުން، އެޗްޑީސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ އެވެ. މިގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރެވެމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި، އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެނގިގެންދާނެ އެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފައި ވެގެންދާނެ އެވެ.

ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް އެޗްޑީސީން އަންނަނީ އެ ކުންފުނީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ދަނީ ތައާރަފު ކުރަމުންނެވެ.