ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށްކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހަފްލާ ޝަރަފްވެރިކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މެދުކެނޑުމެއް ނެތި 13 އަހަރު، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށް ގެންދަވާފައި ވާތީ އެކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެެވެ. މީގެ އިތުރުން ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގައި މަސައްކަތްކުރާ އެހެން ކުންފުނިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވި އެވެ.

ދިރާގު އެޕްރެންޓިސް ޕްރޮގްރާމް 2022ގެ ގްރެޖުއޭޝަން ޙަފުލާގެ ތެރެއިން

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ފާއިތުވެ ދިޔަތަނުގައި ކުރިމަތިވެގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން ކަމަށެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، މިސަރުކާރުން ތަޢުލީމަށާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމްތައް އެތައްހާސް ދަރިވަރުންނެއް ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ، ކަމެއް ނެތިފައި ނުތިބެ، ފުރުޞަތުތަކުގެ ބޭނުން ހިފައިގެން މަސައްކަތްތައް ދަންނަ މަސައްކަތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ސެޓްފިކެޓެއް ހާސިލްވުމަކުން އަދި ނުނިމޭކަމަށާއި މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދިރާގު "އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ފުރިހަމަކޮށް 15 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.