Advertisement

ރިލީފް ލޯންގެ ގޮތުގައި 1،303 ފަރާތަކަށް 587 މިލިއަން ރުފިޔާ ދޫކޮށްފި

FacebookTwitterWhatsAppTelegramViber

ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، ރިލީފް ލޯންގެ ގޮތުގައި މިހާތަނަށް ޖުމްލަ 1،303 ފަރާތަކަށް ޖުމްލަ 587 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް 290 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިއީ ފައިސާގެ ޖުމްލަ އަދަދުން ބަލާނަމަ 391.7 މިލިއަން ރުފިޔާ އަދި 5 މިލިއަން ޑޮލަރެވެ.

ބީއެމްއެލް މެދުވެރިކޮށް ލޯން ދޫކުރުމަށް ޖުމްލަ 340 ފަރާތަކަށް ހަމަޖެހިފައިވާއިރު، އިތުރު 40 ފަރާތެއްގެ އެޕްލިކޭޝަން އަދި ދަނީ ޕްރޮސެސް ކުރަމުންނެވެ. ޖުމްލަ 136 ފަރާތެއް ލޯނަށް ޝަރުތު ހަމަނުވާ ނުވަތަ ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށްފައި ނުވެ އެވެ.

މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 1،530 ފަރާތަކަށް ލޯން ދޫކުރުމަށް އެޕްރޫވަލް ދީފައިވާއިރު، އޭގެ ތެރެއިން 1،013 ފަރާތަކަށް ޖުމްލަ 118.5 މިލިއަން ރުފިޔާ މިހާރު ވަނީ ދޫކުރެވިފަ އެވެ. އެއީ އަމިއްލަ 296 ފަރާތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 717 ފަރާތަކަށް ދޫކުރި ލޯންތަކެވެ.

އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ. ކުދި ވިޔަފާރިތަކަށާއި އާންމު ފަރުުދުންނަށް ލޯނު ދޫކުރަނީ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top