Advertisement

ފިނޭންސް އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދަން އަދިވެސް މަޝްވަރާ ކުރަނީ!

FacebookTwitterWhatsAppTelegramViber

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ކުންފުންޏާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެމުން ނުދާ ކަމަށް ބުނެ، މެލޭޝިއާގެ އެ ކުންފުނިން އެޗްޑީސީއާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އެޗްޑީސީއާ ދެކޮޅަށް ނިމި، އެއްބަސްވުން ބާތިލް ކުރި ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމް ހައްމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހަތް ދުވަހުގެ ތެރޭގައި 22.8 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް މެލޭޝިއާ ކުންފުންޏަށް ދައްކަން އެޗްޑީސީގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު އާބިޓްރޭޝަނުން އެންގުމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޗްޑީސީގެ ދަށަށް މަޝްރޫއު ބަދަލުކުރިއިރުވެސް މަޝްރޫއު ކުރިއަށް ގެންދެވޭނެ ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް، މި މަޝްރޫއު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި އަދި އެޗްޑީސީ އަށް ގެއްލުން ނުވާނެ ގޮތަކަށް އެކަށީގެންވާ ފައިނޭންޝަލް ޓާމްސްއާ އެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކޮންޓްރެކްޓަރާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އާ އޮފީސް އިމާރާތް އެޅުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކުރީ 1 މާޗު 2016 ވަނަ އަހަރު އެވެ.

ޖުމްލަ 122 މިލިއަން ޑޮލަރު (1.88 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމި މި މަޝްރޫއުގެ ދަށުން އަޅާ 25 ބުރީގެ އިމާރާތް އެންމެ ފުރަތަމަ އަޅަން ނިންމީ ފިނޭންސް މިނިސްޓްރީ މިހާރު ހުރި ތަނުގަ އެވެ. އެހެން ނަމަވެސް، އެ އިމާރާތް ފަހުން ވަނީ ހުޅުމާލެ އަށް ބަދަލުކޮށް، އެ މަޝްރޫއުގެ މަަސައްކަތް އެޗްޑީސީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް އިމާރާތް ބަދަލުކުރުމުން 155 މިލިއަން ޑޮލަރަށް މަޝްރޫއުގެ އަގު ބޮޑުވެފައިވާ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮންޓްރެކްޓާ ކޮށްފައިވާ މަސައްކަތަށް ފުރަތަމަ ހުށަހެޅި ބިލުގެ އަދަދަކީ 30 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް އެ ބިލުގެ އަދަދަކީ ކޮށްފައިވާ މަސއްކަތާއި ނުބައްދަލު އަގެއް ކަމުން އެޗްޑީސީއާ ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހަދައި އާބިޓްރޭޝަންގެ މަރުހަލާގައި އަގު ކުޑަކުރެވިފައިވާކަން ވެސް އެޗްޑީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިހާރު އެޗްޑީސީގެ މައްޗަށް ދައްކަން އަންގާފައިވާ އަގަކީ ކޮންޓްރެކްޓަރު ކޮށްފައިވާ މަސައްކަތަށް ދައްކަންޖެހޭ ފައިސާކަންވެސް އެޗްޑީސީން ފާހަގަކުރެ އެވެ.

އެޗްޑީސީން ބުނީ، އެ ކުންފުންޏާއި ދެކޮޅަށް ނިންމި ނިންމުމާއި ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top