އުރީދޫ މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ހދ. ކުޅުދުއްފުށީގައި އުރީދޫ އެސްއެމްބީ މީޓްއަޕް- ނޯތު އެޑިޝަން ބާއްވައިފި އެވެ.

އިއްޔެ ބޭއްވި އުރީދޫ އެސްއެމްބީ މީޓަޕް އަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ ނެޓްވޯކް ކޮށް، ޚިޔާލު ބަދަލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކޮށް އަދި ޕާޓްނާޝިޕް ތަކަށް ފުރުސަތު ހުޅުވައިލަދޭ ޕްލެޓްފޯމެކެވެ. މިއަހަރުގެ ޖޫން މަހުގައި އުރީދޫ މޯލްޑިވްސް އިން ފެށި މި ފޯރަމް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ދުވަހު ގްރޭޓާ މާލެއަށް އަމާޒުކޮށް މާލޭގަ އެވެ.

"އުރީދޫ މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުޖުތަމައު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އިގްތިސާދުގެ ވަރަށް މުހިންމު ހިއްސާއެއްް. ޑިޖިޓަލް ސޮލިއުޝަންތަކުން ދެމަހެއްޓަނިވި ގޮތެއްގައި ރާއްޖޭގައި ވިޔަފާރިތަކަށް ކުރިއެރުން މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި މިއަހަރު ކުރީކޮޅު އަޅުގަނޑުމެން މި މަސައްކަތް ފަށާފައިވާއިރު، މި ފޯރަމް ރާއްޖޭގެ އުތުރަށް ގެނެސް، މި ސަރަޙައްދުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ދެމެހެއްޓެނިވި ކުރިއެރުމަކަށް ޓަކައި ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތައް ބާރުވެރިކުރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މި ސަރަޙައްދުގެ ވިޔަފާރިތަކަށް ގެނެވޭ ބަދަލުތަކުން ލިބޭ ކުރިއެރުމަކީ އުތުރުގެ ރައްތަކުގެ މުޖުތަމަޢުއާއި އިޤްތިޞާދަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް،" މޭޔަރު އާތިފް. ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްޕޭޖެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުރީދޫއިން ފޯރުކޮށްދޭ ހައްލުތަކާ ބެހޭ މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.

އުރީދޫ ނެޓްވޯކްމެދުވެރިކޮށް ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ބައެއް ފައިދާތަކުގެ ތެރޭގައި:

  • މުޅި ރާއްޖެ ހިމެނޭހެން 4ޖީ ކަވަރޭޖް ލިބުން
  • ވިޔަފާރިތަކަށް ހާއްސަ ޕެކޭޖްތައް މެދުވެރިކޮށް ކަނެކްޓިވިޓީ ސޮލިއުޝަން (ޕޯސްޓްޕެއިޑް ވޯކް ގްރޫޕް ޕްލޭން، ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް، 5ޖީ އެއާފައިބާ، މޫލީ، އެމް-ފައިސާ)
  • ގްރޭޓާ މާލޭގެ ބޮޑު ބައެއް ކަވަރުކުރާ 5ޖީ ނެޓްވޯކް
  • ކުޅުދުއްފުށި، ސިންގަޕޫރު އަދި ޔޫރަޕާއި ގުޅާލާ ޕީސް ކޭބަލްއަށް އިންވެސްޓްކުރުން: ޕީސް ކޭބަލް އެޅުމާއެކު އުރީދޫ އިންޓަނެޓް ސްޕީޑާއި ލެޓެންސީ ބޮޑުތަނުން ރަނގަޅުވެ، ވިޔަފާރީގެހަރުދަނާކަން އިތުރުވެ، ޓެކްނޮލޮޖީގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
  • ޓަޔާ 3 ރެޑީ ޑޭޓާ ސެންޓަރުގައި ވިޔަފާރިތަކުގެ ސާވާ ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދިއުން.

ވީހާވެސް ގިނަ ވިޔަފާރިތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އުރީދޫ އެސްއެމްބީ މީޓްއަޕްތައް މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކުންފުނިން ބުންޏެވެ.