Advertisement

ޓޫރިޒަމް މިިސްޓާ އަލީ ވަހީދު

އަހްލާގީ މައްސަލައާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދޭން ރައީސް އަންގަވައިފި

FacebookTwitterWhatsAppTelegramViber

މަސައްކަތުގެ މާހައުލާ ގުޅޭ އަހްލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހްގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން މިނިސްޓަ އޮފް ޓުއަރިޒަމް އަލްފާޟިލް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި،" ޓުވީޓުގައިވެ އެވެ.

އެއީ ކޮން އަހްލާގީ މަައްސަލަތަކެއް ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، ޖިންސީ ގޯނާގެ ތުހުމަތު އަލީ ވަހީދަށް ކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ބޭއަދަބީ ބަސްތަކެއް ބޭނުންކުރާ ވާހަކަތަކެއް ހިމެނޭ އޯޑިއޯތަކެއް ވެސް މި އަހަރުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ލީކްވެފައިވެ އެވެ. އަދި ސަރުކާރުގެ އެހެން ބައެއް ވަޒީރުންނަށް ބަދުބަސް ބުނުމާއި ކޮރަޕްޝަންގެ އަމަލުތަކަކަށް ތުހުމަތުކުރެވޭ ޒާތުގެ ވާހަކަތަކެއް ވެސް އެ އޯޑިއޯތަކުގައި ހިމެނެ އެވެ.

އެހެން ނަމަވެސް، އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top