ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކުން ބޭނުން ކުރުމަށް ވަކި ސަރަހައްދެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ން ބުނެފި އެވެ

އެޗްޑީސީން ބުނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް ތަރައްގީކުރަން ނިންމާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހަދަމުންދާ ވޯޓާ ތީމް ޕާކާ ޖެހިގެން އޮތް ބީޗުގަ އެވެ.

ޕްރައިވެޓް ބީޗެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ވަނީ ހުޅުމާލޭގައި ހަދަމުން އަންނަ ވޯޓާ ތީމް ޕާކާއި ޖެހިގެން އޮތް ސަރަހައްދެވެ.

ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް ކަނޑައަޅަން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެކަމަށް އެދިވަޑައިގަތުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން އެގޮތަށް ނިންމީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ ބީޗަކީ މިހާރު މާލޭގައި ދިރިއުޅޭ މީހުން ވެސް އެންމެ ގިނައިން ގޮސް އުޅޭ ބީޗެވެ. އާންމުކޮށް ހަފުތާ ބަންދުތަކުގައި ގިނަ ބަޔަކު ހިތްފަސޭހަކޮށްލަން އެ ބީޗަށް ދެ އެވެ.