ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަދިނުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ވިޔަފާރިކުރަން ހުއްދަ ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ އެވެ. އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ވިޔަފާރި ފުރަތަމަ ފަންގި ފިލާގައި ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެހެންނަމަވެސް، ހުޅުމާލޭގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން، ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ..

"ހުޅުމާލެގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން މި ކޯޕަރޭޝަނުން ނިންމީ، މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓްގެ އެދިލެއްވުމަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި. އިކޮނިމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަތަކެއްކޮށް، ވިޔަފާރި ކުރިއެރުމަށް ފަސޭހަކަމާއިއެކު ލޯނު ލިބޭނެ އިންތިޒާންވަނީ ހަމަޖައްސާފައި،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅޫމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަން ފާހަގަކުރެ އެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިޔުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

"ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް މި ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ،" އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ ބައެއް ސަރަަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ބޭނުންކުރެ އެވެ.